ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުން އަދާކުރެއްވި މެހެމާންދާރީއަށް އެމަނިކުފާނު ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ މި ދަތުރުފުޅަކީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސާނަޔަކެގެ ދަޢުވަތަކަށް މި މަހުގެ 3ވަނަ ދުވަހު ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ.

ރައީސްގެ ދަތުރުފުޅު ނިންމަވާލައްވައި އެކްސްގައި ސްރީލަންކާ ބަހުން ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ އެ ޤައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ، ގާތްގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަމާއެކުގައި ކަމަށެވެ.

މި ދަތުރުފުޅުގައި ލަންކާގެ ރައްޔިތުންނާއި އެ ޤައުމުގެ ސަރުކާރުން އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ވަފުދައް އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ މަރަސޫރިޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި އެކި ދާއިރާތަކުން ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. މި މަޝްވަރާތަކުގައި އެމަނިކުފާނަށް އިތުރު ހިތްވަރު ލިބިވަޑައިގެންނެވި ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ޤައުމުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން ސަރުކާރުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައި އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ދަތުރުފުޅުގައި އެކި ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި ފަހުމުނާމާތަކުގައި ވަނީ ސޮއިކޮށްފައެވެ.