ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަގެ ދަޢުވަތަކަށް އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

އެގޮތުން 2026 މޭ 3 އިން 6 އަށް ކުރެއްވި މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ސްރީލަންކާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބާއްވާފައި ވެއެވެ.

އޭގެ ތެރޭގައި ޒުވާނުން ތަރައްޤީކުރުމާއި، ފަތުރުވެރިކަމާއި، ދިފާޢީ އަދި ޞިއްޙީ ދާއިރާއިން ތަޢުލީމީ އެއްބާރުލުން ދިނުން ފަދަ މުހިންމު ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި ފަހުމުނާމާތައް ބަދަލުކޮށްފައި ވެއެވެ.

އަދި ދެ ޤައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ގަސް އިންދުމުގެ ރަސްމިއްޔާތެއް އެ ދަތުރުފުޅުގެ ތެރެއިން ބޭއްވުނެވެ. މީގެ އިތުރުން ސްރީލަންކާގެ ބޮޑުވަޒީރާއި، މަޖިލީހުގެ ރައީސާއި، ޚާރިޖީ ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމްގައި ތަޤުރީރުކުރައްވާފައެވެ.

ހަމައެހެންމެ މިފްކޯގެ އުފެއްދުންތައް ސްރީލަންކާގެ ބާޒާރަށް ތަޢާރަފްކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

މެޑަމް ސާޖިދާ މުޙައްމަދު ވަނީ މި ދަތުރުފުޅުގައި ސްރީލަންކާގެ ކުޑަކުދިންގެ ހޮސްޕިޓަލަށާއި، އަންހެން ވިޔަފާރިވެރިންގެ މަސައްކަތްތައް ދައްކާލާ މަރުކަޒަކަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

އެ ދަތުރުފުޅުގައި ރައީސްގެ ދެ ކަނބަލުން ވަނީ ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި، އެމީހުންނަށް ދިމާވާ ދަތިތަކާއި ޙާލު އޮޅުންފިލުއްވާފައެވެ.