ކުރީގެ ތަޖުރިބާތަކަށް ބެލުމަށްފަހު މައްކާގައި ޙައްޖުވެރިން ތިބޭ ހޮޓަލަށް މި އަހަރު ބޮޑެތި ބަދަލުތަކެއް ގެންނަމުންދާކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ ޙައްޖުވެރިން ތިބޭ ހޮޓަލުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ހޮޓަލުގެ ވެރިފަރާތާ ގުޅިގެން ގިނަ މަސައްކަތްތަކެއް މިހާރުވެސް ކޮށްފައިވާ ކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.
އޭގެތެރޭގައި ހޮޓަލުގެ އިމާރާތުގެ ބައެއް މަރާމާތުތަކާއި އަދި ބައެއް ފަރުނީޗަރުވެސް އާކޮށް، ބަދަލުކޮށްފައިވާ ކަމަށް ޝަކީލް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް އެ ހޮޓަލުގެ ބައެއް އޭރިއާތަކުގައި ކާޕެޓާއި މުށިވެސް ބަދަލުކޮށްފައިވާ ކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.
އަދި ދީނީ ޕްރޮގްރާމްތަކުގެ ތެރެއިން ދަރުސް ދިނުމުގެ އިންތިޒާމްތައް މިހާރު އޮންނަގޮތާއި ގުޅޭގޮތުން ލިބުނު ޝަކުވާތަކަށް ބަލައި އެ ޝަކުވާތަކަށް ހައްލުހޯދައި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.
މިގޮތުން ދީނީ ޕްރެޒެންޓޭޝަންތައް ދޭއިރު ދަރުސްދޭ 2 ހޯލަށްވެސް ފެންނަގޮތަށް ބަދަލުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.
ހަމައެހެންމެ މި ފަހަރު އިތުރު ދޮންނަ މެޝިންތައް އިތުކޮށް ބަގީގެ ޚިދުމަތް ފުޅާކޮށްފައިވާ ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.
އެހެންކަމުން މިހާރު ޙަރަމާއި ހޮޓަލާ ދެމެދު ޙާޖީން ދަތުރުކުރުމަށް 6 ބަގީ ބޭނުން ކުރާނެ ކަމަށް ޝަކީލް ވިދާޅުވިއެވެ.
ޝަކީލް ވަނީ މި ފަހަރު މިނާގެ އިންތިޒާމްތައްވެސް ވަރަށް ބޮޑަށް ރަނގަޅުވާނެ ކަން ހާމަކުރައްވާ މިނާގައި ދިވެހިން ތިބޭ ސަރަޙައްދުގެ ފާޚާނާތަކުގެ އަދަދު 4 ގުނަ އިތުރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
އަދި ދިވެހިން ތިބޭ ޓެންޓު ސަރަހައްދު ބޭނުންކުރާނީވެސް ދިވެހިން އެކަނި ކަމަށް ޝަކީލް ވިދާޅުވިއެވެ.
ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ޙައްޖުވެރިން މައްކާއަށް ފުރަން ފަށާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.