ސިވިލް ސާވިސް ކޮމިޝަނާއި ދިވެހި ފުލުހުންގެ ހިދުމަތުން ދޭ ހިދުމަތްތައް ހަރުދަނާކުރުމަށް މަޝްވަރާކޮށްފިއެވެ.

އެ މަޝްވަރާތައް ބާއްވާފައި ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖުތާޒު، ކޮމިޝަނާ އޮފް ޕޮލިސް އަޙުމަދު މުޙައްމަދުގެ އަރިހަށް އިއްޔެ ކުރެއްވު އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި އެ ބައްދަލުވުމުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން، ދެ މުއައްސަސާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި، މުއައްސަސާތައް ތަރައްގީކުރުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ.

އަދި ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.