މިއަދުގެ ސަރުކާރުން މަސައްކަތްކުރަމުންދަނީ ދިވެހިންގެ ތަބީއަތު ބަދަލުކޮށްލާ މަސައްކަތްނުކުރާ ބަޔަކު ދިރިއުޅޭ ތަނަކަށް މިތަން ހެދުމަށްކަމަށް ކުރީގެ ރައީސް އަދި ކުރިޔަށް އޮތް އެމްޑީޕީގެ ޗެއަރޕާސަންކަމުގެ އިންތިޚާބުގައި ވާދަކުރައްވާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ނަޝީދު ވަނީ ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިޞާދީ ދަތިކަމާއި ގުޅިގެން ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާކަމަށް ވިދާޅުވެފައެވެ. ނަޝީދު ވަނީ ދުނިޔެ ވަނީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައިކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާ ސަރުކާރުން ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދިޔުމަށް މަސައްކަތްނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ ކަމެއްނެތްކަމަށް ދައްކަން ސަރުކާރުން މަސައްކަތްކުރައްވާކަމަށެވެ. މިއާއެކު ބީއެމްއެލުން އަޅަމުންދާ ފިޔަވަޅުތަކަށްވެސް ނަޝީދު ފާޑުވިދާޅުވިއެވެ.

ނަމަވެސް މިއަދުވެސް ބީއެމްއެލްއިން ބުނެފައި އޮތީ ބޭރު ހަބަރުގައި ތިމަންނަމެން 300 މިލިއަން ޑޮލަރުގެ ލޯނެއް އެބަނަގަމޭ، އަޅުގަނޑުމެން ކުރިން ހީކުރީ ބޭންކަކީ ލޯން ދޭ ތަނެއްކަމަށް.މިއަދު އަޑުއިވުނީ އެމީހުން ލޯން ނަގަން ފަށައިފިކަމަށް. ވެދިޔަ ގޮތަކީ ދައުލަތުގެ ދަރަނި ދައްކަންވެގެން ބޭންކުގައި ހުރި ފައިސާ ޑޮލަރު ސަރުކާރަށް ދިނީ. ދިނީމާ މިހާރު އަޅުގަނޑުމެންގެ ކާޑަކުން ނުކުނޑޭ ޑޮލަރެއް. އަޅުގަނޑުމެންނަށް ސާފުވޭ ދަތިތަކެއްކުރިމަތިވެފައިވާކަން. އެބޭފުޅުން 300 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް ނިންމާ އެކަމުގެ މަސައްކަތް ކުރަމުން އެގެންދަނީ ބޭންކުގައި ހުރި އަޅުގަނޑުމެންގެ ފައިސާކޮޅު ސަރުކާރަށް ދީ ސަރުކާރުން ވަނީ އެފައިސާ ލޯނު އަނބުރާ ދައްކަން ބޭނުންކޮށްފައި.

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ ހަގީގަތުގައި ލޯނުތައް އަނބުރާ ދެއްކުމަށް ސަރުކާރުން ކުރަންޖެހޭ ކަމަކީ ބޭކާރު ޚަރަދު ކުޑަކުރުންކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ފެންނަމުންދަނީ ކުރިން މަސްދޯނި ފަހަރުން މަހަށް ދިޔަ ޒުވާނުންނަށް އެއްވެސް ކަމެއް ނުކުރަންޖެހޭ ކުންފުނިތަކުން ދިހަ ބާރަ ހާސް ރުފިޔާ ވަޒީފާތަކެއް ދިނުންކަމަށެވެ. ނަމަވެސް އެއީވެސް މިއަދު ޒުވާނުން ދިރިއުޅެން ކުޑަމިންވަރެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

އިބްތިޚާބުތައް ކާމިޔާބުކުރެވެން އޮތީ މިމަގުން މަސައްކަތްކޮށްގެންކަމަށް ސަރުކާރަށް ހީވެ އެގޮތަށް ވަޒީފާތައް ދެމުންދިޔަނަމަވެސް ވޯޓުން ފެންނަނީ އެހެން މަންޒަރެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ މިކަންކަން ބަދަލުކުރުމަށްކަމަށެވެ. އަދި އެމަނިކުފާނު އެމްޑީޕީގެ ޗެއަރޕާސްނަކަމަށް ނިކުމެ ވަޑައިގެން މިހުންނެވީ އެހެންވެ އެބަދަލު ގެނައުމަށްކަމަށް ނަޝީދު ވިދާޅުވިއެވެ.