ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗ.ްއާރ.ްސ.ީއެމް) އިން ޝާއިއުކޮށްފައިވާ "ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް" (އެންޕީއެމް)ގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ކަންކަން އިސްލާހު ކުރަން މަސަކަތް ކުރާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ، އެޗްއާރްސީއެމްގެ ރިޕޯޓާގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އެޗްއާރްސީއެމްގެ އެ ރިޕޯޓުގައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ޖަލުތަކުގައި ތިބޭ ގައިދީންނާއި، ކުޑަކުދިންގެ ހިޔާގައި ބަލަހައްޓާ ކުދިންނަށް އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުން ހުރި ބައެއް ކަންބޮޑުވުންތައް ހިމަނާފައެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމަށް ބަލާލާއިރު ރިމާންޑް ބަންދު މީހުންގެ އަދަދު އިތުރުވުން، ސިއްހީ ފަރުވާ ލިބުން ލަސްވުން، މުވައްޒަފުންގެ ދަތިކަން، ބަނދު މަރުކަޒުތަކުގައި އަޅަމުންދާ ތައުދީބީ ފިޔަވަޅުތަކާ ގުޅިގެން ކަންބޮޑުވުންތައް ހުރިކަން، އަދި މުހިންމު އުސޫލުތަކާއި އެސްއޯޕީތައް ހަދާފައި ނުވާކަން ހިމެނެއެވެ.

މި ރިޕޯޓާއި ގުޅިގެން ފުލުހުން ބުނީ، މުއައްސަސާތަކުގެ ޒިންމާދާރުކަން އިތުރުކުރުމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމާއި، އަދި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައިމިނިވަން މުއައްސަސާތަކުން އަދާކުރާ މުހިންމު ދައުރު އެ ހިދުމަތުން ބަލައިގަންނަ ކަމަށެވެ. އަދި ވަކިން ހާއްސަކޮށ،ް "އޮޕްޝަނަލް ޕްރޮޓޮކޯލް ޓުދަ ކޮންވެންޝަން އެގެއިންސްޓް ޓޯޗަރ އެންޑް ދަ ކުރުއަލް އިންހިއުމަން އޯ ޑީ ގްރޭޑިންގ ޓްރީޓްމަންޓް އޯ ޕަނިޝްމަންޓް" (އޮޕްޓެކް)ގެ ދަށުން ކުރިއަށްގެންދާ މޮނިޓަރިންގ މަސައްކަތްތަކަކީ ގައުމީ ފެންވަރުގައި މިކަމަށް ދެވިފައިވާ މުހިންމު އަހަންމިއްޔަތުކަން ރަންގަޅަށްދޭހަކޮށްދޭ ކަމެއްކަމަށް އެ ހިދުމަތުން ދެކޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ މުޅި ނިޒާމަށް އަމާޒުކޮށްފައިވާ އަދި ވަކި މުއައްސަސާއަކަށް އެކަނި ދިމާވެފައިވާ ގޮންޖެހުންތަކެއް ނޫންކަމަށް ފުލުހުން ބުންޏެވެ. އަދި އެ ރިޕޯޓުގައި ހިމެނޭ ހޯދުންތަކަކީ ކަންކަން އިސްލާހުކުރުމަށް ދީފައިވާ އިރުޝާދުތަކާއި ލަފާތަކެއް ކަމަށާއި، އެއީ ގާނޫނީ ގޮތުން ކުށެއް ނުވަތަ ނުރަނގަޅު އަމަލެއް ހިންގާފައިވާކަން ކަނޑައަޅާ ނިންމުންތަކެއް ނޫންކަން ފާހަގަކުރުން މުހިންމު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ރިޕޯޓާ ގުޅިގެން ބައެއް މީޑިއާތަކުން ޚަބަރު ގެނެސްދިނުމުގައި ބޭނުންކޮށްފައިވާ ބައެއް ބަސްމަގާއި މާނަކޮށްފައިވާ ގޮތާ މެދު ކަންބޮޑުވާ ކަމަށެވެ. އެގޮތުން ރިޕޯޓުގެ އަސްލު މަގްސަދާއި އޭގައި ބަޔާންކޮށްފައިވާ ކަންކަމުގެ ފުންމިނަށް ބެލުމެއް ނެތި، މުއައްސަސާތަކަށް ކުރިމަތިވެފައިވާ ވަސީލަތްތަކާއި އޮޕަރޭޝަނަލް ގޮންޖެހުންތަކަށް ރިއާޔަތްނުކޮށް، ހަބަރު ފަތުރާފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އާންމުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގައި ކަންކަމުގެ އަސްލަށް ވާސިލުވެ، ޒިންމާދާރުކަމާއެކު ހަބަރު ފެތުރުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.