އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ނިކުމެ މިހުރީ 2028 ވަނަ އަހަރަށް އެމްޑީޕީ ރާވާލަދިނުމަށްކަމަށް އެމްޑީޕީގެ ޗެއަރޕާސަންކަމުގެ އިންތިޚާބަށް ވާދަކުރައްވާ މީކާއީލު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއިލް ނަސީމުގެ "އިތުބާރު" ގެ ފަރާތުން މިރޭ ބޭއްވި ކަންމަތީ ޖަލްސާ "އެމްޑީޕީ ބަދަހިކަމަށް" ގައި ވާހަކަދައްކަވަމުން މީކާއީލު ވިދާޅުވީ އެޕާޓީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލެއްވީ ޗެއަރޕާސަން ކަން ކުރުމަށްކަމަށެވެ. އެމަގާމަށް ކުރިމަތިލައްވަނީ ބޭނުންވާ އިތުރު އެހެން ބޮޑު މަގާމެއް ހޯދަން އޮތް މަރުހަލާއެއްގެ ގޮތުގައި މިއިންތިޚާބު ދެކިވަޑައިގަންނަވައިގެން ނޫންކަމަށް މީކާއީލު ވިދާޅުވިއެވެ. މީގެއިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވޯޓަކުން ގައުމީ މަޖިލީހުން އައްޔަނުކުރާ މީހެއްގެ ގޮތުގައި އެމްޑީޕީގެ ވަގުތީ ޗެއަރޕާސަންކަންވެސް ބޭނުންފުޅުނުވާކަމަށް މީކާއީލު ވިދާޅުވިއެވެ.

މީކާއީލު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމު ބޭނުންފުޅުވަނީ އެމްޑީޕީގެ އާންމު މެމްބަރުންގެ ވޯޓުންކަމަށެވެ.

އަޅުގަނޑުމެން މިއިންތިޚާބު ކާމިޔާބުކުރާނީ އެމްޑީޕީގެ އާންމު މެމްބަރުންގެ ވޯޓާއެކު ބޮޑުކޮށް. އިތުބާރު ކުރައްވާ. އަޅުގަނޑުމެން މިއަންނަނީ ތެދު ހަދަން. އަޅުގަނޑު މިއިންތިޚާބުގައި ޗެއާޕާސަންކަމަށް މިއަންނަނީ ތެދު ހަދަން. އަޅުގަނޑެއް ނުވާނަން އަޅުގަނޑު ދެރަވާ ކޮންމެ ދަނޑިވަޅެއްގައި އަޅުގަނޑަށް ނާކާމިޔާބުވާ ކޮންމެ ދަނޑިވަޅެއްގައި އެމްޑީޕީގެ އާންމު މެމްަރުންގެ ޖަޒުބާތާ ކުޅެ ދޮގު ހަދާ އޮޅުވާލާ މީހަކަށް އަޅުގަނޑެއް ނުވާނަން. އަޅުގަނޑެއް ނުވާނަން އެއް ދުވަހު އެމްޑީޕީގެ 39000 އާންމު މެމްބަރުން ކަނޑާލީ ފައްޔާޒު އިސްމާއީލޭ ބުނެ އަނެއް ދުވަހު ފައްޔާޒު އިސްމާއީލު ވެރިކަމަށް ގެންނަން ބުނާ މީހަކަށް ނުވާނެ.

މީކާއީލު އަހުމަދު ނަސީމް

މީކާއީލު މިއިޝާރާތްކުރެއްވީ އިންތިޚާބުގައި ދެން ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދ ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި 39،000 މެމްބަރުން ޕާޓީން ވަކިކުރިކަމަށް ކުރިން ވިދާޅުވި ވާހަކައާ ގުޅިގެން ކުރި ސުވާލަކަށް ސާފު ޖަވާބު ނުދެއްވުމާއި ގުޅިގެންނެވެ. 2023 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓް ދޭނެ މީހެއް ކަނޑައެޅުމަށް ބޭއްވި ރިޔާސީ ޕްރައިމަރީގައި އޭރު ނަޝީދަށް ތާއީދުކުރާނެ 39،000 މެމްބަރުން ޕާޓީގެ ދަފްތަރުން ވަކިކުރިކަމުގެ ތުހުމަތު އޭރު ވަނީ ބޮޑުވެފައެވެ. ނަޝީދު ވަނީ އެސުވާލަށް ސީދާ ޖަވާބު ނުދެއްވާ އެކަމުގެ ތެރޭގައި ކަންތައްތަކެއް ހިނގައިދިޔަކަމަށް ވިދާޅުވެފައެވެ.

މިރޭ ބޭއްވި ޖަލްސާގައި މީކާއީލުގެ ވާހަކަ ބައްޓަންކުރެއްވީ އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާފައިވާ ރައީސް ނަޝީދު ދައްކަވާފައިވާ މިފަދަ ބައެއް ވާހަކަތަކަށް ރައްދުދެއްވުމުގައެވެ. މީކާއީލު ވަނީ އެމްޑީޕީގެ އާންމު މެމްބަރުން މީކާއީލަށް އިތުބާރު ކޮށް ޗެއަރޕާސަންކަމަށް ނިކުމެ މިހުރީ އެމްޑީޕީ ގައި ހުރި ލީކުތައް ނައްތާލާ ޕާޓީ ރާވާލަންކަމަށް ވިދާޅުވެފައެވެ.