ރާއްޖޭގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު މަހުން މަހަށް އިތުރުވަމުން އަންނަކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ޑެންގީ ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ވަނީ 400 އިންސައްތައަށް ވުރެ ބޮޑަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ރިޕޯޓްކޮށްފައިވަނީ 373 ކޭސް ނަމަވެސް، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރިލް 27 ގެ ނިޔަލަށް މި އަދަދު ވަނީ 20،29 އަށް އަރާފައެވެ.

ތަފާސްހިސާބުތަކުންދައްކާ ގޮތުގައި، މިއަހަރުގެ ޖެނުއަރީ މަހު އެކަނިވެސް 679 ކޭސް ވަނީ ރިޕޯޓްކޮށްފަވެއެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރިޕޯޓްކުރި 75 ކޭސްއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. މީގެ އިތުރުން ފެބްރުއަރީ މަހު 428 ކޭސް، މާޗް މަހު 601 ކޭސް އަދި އޭޕްރީލް މަހުގެ ފަހުކޮޅާ ހަމައަށް 635 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

އެގޮތުން މާލެ ސަރަހައްދުން ޑެންގީގެ 410 ކޭސް ރިޕޯޓު ކޮށްފައިވާ އިރު އަތޮޅުތެރެއިން ވަނީ 2049 ކޭސް ރިޕޯޓުކޮށްފައެވެ. އެހެން ކަމުން ޑެންގޫގެ މުޅި ޖުމްލަ 2459 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ފާއިތުވި ދެ ހަފްތާގައި އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައި ވަނީ ހދ. ކުޅުދުއްފުށިންނެވެ. އެ ރަށުން 62 ކޭސް ރިޕޯޓުކޮށްފައިވާއިރު، ށ. މިލަންދޫން 17 ކޭސް އަދި ގދ. ތިނަދޫން 16 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

އެޗްޕީއޭއިން ވަނީ އާންމު ފަރުދުންވެސް މަދުވެގެން ހަފުތާއަކު 1 ފަހަރު ގެއާއި ގޯތިތެރޭގައި ފެންހަރުލާ ގޮތަށް ހުންނަ ތަކެތި ބަލައި ފަސްކޮށް، މަދިރި އާލާނުވާނެ ގޮތަށް ސާފުކޮށް، މަދިރި ހެފުމުން ރައްކާތެރިވުމުގެ އިތުރުން ޑެންގީ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ބުނީ، ޑެންގީ ކޮންޓްރޯލް ކުރުމަށް ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ، މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި، މަދިރި ހިފުމުން ރައްކާތެރިވުމާއި، ޑެންގީ ޖެހިއްޖެނަމަ ސިއްހީ ހިދުމަތްތެރިއެއްގެ އިރުޝާދުގެ މަތިން އަވަހަށް ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.