އާސަންދައިން ދޫކުރާ ފައިސާގެ 60 އިންސައްތަ ދޫކުރަނީ ބޭސްފިހާރަތަކަށް ކަމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ފާތިމަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.

ޒީނިޔާ މިފަދައިން ވިދާޅޫވީ، ބޭސް ނުލިބުމުގައި ހުރި ދަތިތައް ދިރާސާކުރުމުގެ ގޮތުން އާސަންދައާއި ބޭސް ފޯރުކޮށްދިނުމަށް އުފެއްދި ސްޓޭޓް ފާމާ ކުންފުނީގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒަސް ކޮމިޓިއަށް މިއަދު ހާޒިރުކުރިއިރު އެ ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ޒީނިޔާ ވަނީ ބޭސް ސިޓީ ހިފައިގެން ފާމަސީތަކަށް ދިއުމުން އާސަންދައިގެ ދަށުން ބޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވާކަމީ ހަގީގަތެއް ކަމަށް ފާހަގަ ކުރައްވާފައެވެ.

އެގޮތުން ޒނިޔާ ވިދާޅުވީ، އާސަންދައިގެ ހަރަދުގެ ތެރެއިން 60 އިންސައްތައަކީ ބޭސް ފިހާރަތަކަށް ދޫކުރާ ފައިސާއަށްވާއިރު ސްކީމުން ބޮޑު ހަރަދެއް ބޭސް ފޯރުކޮށްދިނުމަށް ހިނގި ނަމަވެސް، އެ ސްކީމުގެ ދަށުން ބޭސް ލިބުމުގައި ދަތިތަކެއް ހުރިކަން ގަބޫލުކުރައްވާކަމަށެވެ.

އާސަންދައިގެ ސްކީމުން ބޭހަށް ކަވަރޭޖު ދިނުމުގައި އަމަލުކުރާ އުސޫލަކީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައިވާ ހުރިހާ ބޭހަކަށް އެ ސްކީމުން ކަވަރޭޖު ދިނުން ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

ބޭސް ފިހާރަތައް ރަޖިސްޓްރީކުރާއިރު އަސާސީ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ބޭސްތައް ލިބެންހުރިކަަން ކަށަވަރުނުކުރެވުމަކީ ބޭސް ލިބުމުގައި ކުރިމަތިވާ ގޮންޖެހުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ޒީނިޔާ ވިދާޅުވީ، ހުއްދަ ދީފައިވާ ބޭސްތަކުގެ ލިސްޓުގެ ތެރޭގައި ރާއްޖެއަށް އެއްގޮތަކަަށްވެސް އެތެރެނުކުރާ ބޭސްތައް ހިމެނޭއިރު، ރާއްޖެއަށް އެތެރެކުރާ ބޭސްތަކާއި އެތެރެކުރުން ހުއްޓިފައި ހުރި ބޭސްތަކަކީ ކޮބައިކަން އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓެމުންނުދާކަމަށް ވިދާޅުވިއެވެ.

"ވަރަށް ގިނަ ބޭސް އެތެރެކުރަނީ ޕްރިސްކްރިޕްޝަނަށް އަތުން ހިފައިގެން އިނގޭތޯ. އަތުން ހިފައިގެން އެތެރެކުރާ ބޭސްތައް ކަމުގައިވާތީ ބްރޭންޑުތައް ވަރަށް އަވަަހަށް ބަދަލުވޭ. ބްރޭންޑެއް މިއަދު ލިބެންހުރިއްޔާ އެ ބްރޭންޑެއް ފަހުން ނުލިބޭ. އަލަަށް ބްރޭންޑެއް ގެންނަންޏާ މިދަންނަވާ ލިސްޓުގެ ތެރެއަށް ލާންޖެހޭ،"

މެނޭޖިން ޑިރެކްޓަރ ފާތިމަތު ޒީނިޔާ

ޒީނިޔާ ފާހަގަކުރެއްވި ގޮތުގައި ބައެއް ބޭސް ފިހާރައިން ބޭސްތައް ވިއްކަނީ ވަރަށް ބޮޑު ފައިދާއެއް ލައިފައެވެ. އެގޮތުން ބައެއް ބޭހަށް 500 އިންސައްތައިގެ ފައިދާއެއް ލައިގެން ބޭސް ވިއްކަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވިފައިވާކަމަށެވެ.

މީގެ އިތުރުން ޒީނިޔާ ވިދާޅުވީ، މި މައްސަލައަކީ ގައުމީ މައްސަލައެއް ކަމަށާއި، 800 އަށްވުރެ ގިނަ ފާމަސީ އެމްޕަނަލްކޮށްް 3،000 އަށްވުރެ ގިނަ ބޭހަށް އާސަންދައިން ކަވަރޭޖު ދޭއިރު، ބޭސްތައް ނުލިބުމުގެ މައްސަލަ މެދުވެރިވާ ސަބަބަކީ ކޮބައިކަން ހޯދައި އެކަމަށް ހައްލުތަކެއް ގެންނަންޖެހޭކަމަށެވެ.