ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތާއި ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަނބިކަނބަލުން މެޑަމް ސާޖިދާ ދިވެހި ހައިކޮމިޝަނަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދުއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވުމަށްފަހު ހައިކޮމިޝަންގެ މަސައްކަތްކުރާ މުވައްޒަފުންނާވެސް ބައްދަލުކުރައްވާފައެވެ.
މީގެ އިތުުރުން ރައީސް ވަނީ ސްރީލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުބދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވުމަށްފަހު ފުރަތަމަ ޕާސްޕޯޓް ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތަކާ ހަވާލުކޮށްދެއްވާފައެވެ.
ސްރީލަންކާއަކީ ގިނަ ޢަދަދެއްގެ ދިވެހި ދިރިއުޅެމުން އަންނަ ޤައުމެކެވެ.
ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.
އެގޮތުން ލަންކާއަކީ ރާއްޖެއިން ބޭރުން އައިޑީ ކާޑާއި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ލިބޭ ދެވަނަ ޤައުމެވެ.
ރާއްޖޭއިން ބޭރުގައި އައިޑީ ކާޑުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.