ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ޒިޔާރަތްކުރައްވައިފިއެވެ.
ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވާފައި ވަނީ ލަންކާގެ ރައީސްގެ ދައުވަތަކަށް މި މަހު 4 އުން 6 އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ކޮލަމްބޯ ނޭޝަނަލް މިއުޒިއަމްގެ ފަރާތުން މަރުޙަބާ ދެންނެވީ އެ ތަނުގެ އިސް އޮފިޝަލުންނެވެ.
އަދި އެ ޒިޔާރަތުގެ ތެރެއިން ރައީސްގެ ދެކަނބަލުން ވަނީ މިއުޒިއަމްގެ އެކި ގެލެރީތަކަށް ޒިޔާރަތްކުރައްވައި، އެތަނުގައި ހުރި އާސާރީ ތަކެތި ބައްލަވާލައްވާފައެވެ.
މި ދަތުރުފުޅުގައި މިއުޒިއަމްގެ އޮފިޝަލުން ވަނީ އެތަނުގައި ބަހައްޓާފައިވާ ސްރީލަންކާގެ ތާރީޚާއި ސަގާފަތް ރަމްޒުކޮށްދޭ މުހިންމު ތަކެއްޗާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް މި ކުރެއްވި ޒިޔާރަތަކީ، ސްރީލަންކާގެ ތާރީޚާއި ސަގާފީ ތަރިކައަށް އިޙްތިރާމް އަދާކުރެއްވުމުގެ ގޮތުންނާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ސަގާފީ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ކުރެއްވި ޒިޔާރަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެއެވެ.