ތިމާވެއްޓާއި ބެހޭ ވުޒާރާއިން އުފައްދާފައިވާ "ލޮސް އެންޑް ޑެމޭޖް ފަންޑް' އިން ރާއްޖެއަށް މިހާރު ކުރިމަތިވެފައވާ ބޮޑެތި މައްސަލަތަކަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މިކަން ހާމަކޮށްފައި ވަނީ، އެ ވުޒާރާގެ ދަށުން ހިންގަމުންދާ އިދާރާތަކުގެ މަސައްކަތްތައް ހިއްސާކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ކްލައިމެޓް އެޑެޕްޓޭޝަނަށް ފަންޑިންގ ހޯދައިގެން ރައްޔިތުންނަށް ސީދާ ފައިދާވާގޮތަށް ކުރެވެމުންދާ މަސައްކަތްތަކާއި، އިތުރަށް ފަންޑިންގ ހޯދުމަށް އެ ވުޒާރާއިން ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އެ ވުޒާރާގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު އަބްދުﷲ ވިދާޅުވީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމަކީ ދިވެހިރާއްޖެއަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި ބައިނަލްއަޤްވާމީ މަޝްރަހުގައި ރާއްޖެއިން އިސްނަގައި ވަކާލާތުކޮށްގެން މިކަންކަމަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރައްވާކަން އަމްޖަދު ފާހަގަކުރެއްވިއެވެ.
"މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މުއާހަދާގެ ހަވާސާގެ ތެރެއިން އަޅުގަނޑުމެން ކުދި ޤައުމުތަކުން، ޚާއްޞަކޮށް ދިވެހިރާއްޖެއިން އިސްނަގައިގެން މިކަމަށް ކޮންކޮން ކަންތައްތަކެއްތޯ ކުރެވޭނީ ބަލާނަން." އަމްޖަދު ވިދާޅުވިއެވެ.
އެ ވުޒާރާއިން މިހާރު އުފައްދާފައިވާ 'ލޮސް އެންޑް ޑެމޭޖް ފަންޑް' އިން ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި ރަށްގިރުން ފަދަ ބޮޑެތި މައްސަލަތަކަށް ފައިސާ ހޯދުމަށް މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އަމްޖަދު ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ އެކަމުގައި ބޭރުގެ އެހީ ހޯދުމަށް ފުދޭވަރެއްގެ ގޮންޖެހުންތަކެއް ހުންނަކަމަށްވެސް އަމްޖަދު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެއަކީ މިޑްލް-އިންކަމް ޤައުމަކަށްވުމާއެކު، ކޮންމެ މަސައްކަތެއް ކުރުމުގައި ވެސް އުނދަގޫތައް ހުރިކަމަށާއި ނަމަވެސް މި ކަންކަމަށް އެކުލަވާލާފައިވާ ފަންޑާއި، ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ރާއްޖެއަށް މިހާރު އެންމެ އަވަސް ޙައްލެއް ބޭނުންވާ ދާއިރާތައް ދެނެގަނެވިފައި ވާކަމަށް އޭނާ ވިދާޅުވުއެވެ.
އަދި އެ ދާއިރާތަކަށް އިސްކަންދީގެން ފައިސާގެ އެހީ ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.