ފަނޑިޔާރަކު އައްޔަނުކޮށްފައިވާ ކޯޓު ފިޔަވައި އެހެން ކޯޓެއްގެ މައްސަލަތައް ބެލުމަށް ވަގުތީގޮތުން ހަވާލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލައި އާންމުކޮށްފިއެވެ.

މި ގަވާއިދުގެ މަގުސަދަކީ ވަކި ކޯޓެއްގައި މައްސަލަތައް ގިނަވެ، އިތުރު ފަނޑިޔާރުންގެ އެހީތެރިކަން ހޯދައިގެން ނޫނީ މައްސަލަތައް ނިންމަން ދަތިވާ ހާލަތްތަކުގައި އެހެން ކޯޓުތަކުގެ ފަނޑިޔާރުން ބޭނުންކޮށްގެން މަސައްކަތް އަވަސްކުރުމެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، އެހެން ކޯޓެއްގެ މައްސަލަތައް ބެލުމަށް ފަނޑިޔާރަކާ ވަގުތީގޮތުން ހަވާލުކުރެވޭނީ ވަކި ކޯޓެއްގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ނުހިންގުމާއި، ނުނިމިހުރި މައްސަލަތައް އިތުރުވަމުންދާނަމައެވެ. މީގެ އިތުރުން، މައްސަލަތައް ނިންމުން އާދަޔާޚިލާފަށް ލަސްވެގެން އާންމުންގެ ޝަކުވާ އިތުރުވުމާއި، އެ ކޯޓެއްގެ އިސް ގާޒީ ނުވަތަ ދާއިރާގެ އިސް މެޖިސްޓްރޭޓް އެކަމަށް އެދި ހުށަހެޅުމަކީ ވެސް ފަނޑިޔާރުން ބަދަލުކުރެވިދާނެ ސަބަބުތައް ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

މި ގަވާއިދުގެ ދަށުން ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރެވޭނީ އެ ފަނޑިޔާރަކު މިހާރު މަސައްކަތްކުރާ ކޯޓާ އެއް މަރުހަލާއެއްގެ ކޯޓަކަށެވެ. އަދި މިގޮތަށް ފަނޑިޔާރަކާ މަސައްކަތް ހަވާލުކުރެވޭނީ ގިނަވެގެން އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.ގަވައިދުގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރަކު ވަގުތީގޮތުން އެހެން ކޯޓަކަށް ފޮނުވުމަށް ޖޭއެސްސީން ނިންމާނީ އެ ކޮމިޝަނުގެ ރަސްމީ ޖަލްސާއަކުންނެވެ. މިގޮތަށް ނިންމާއިރު، އެ ފަނޑިޔާރަކު މިހާރު ހުރި ކޯޓުގައި ހުރި މައްސަލަތަކުގެ އަދަދާއި ބާވަތަށް ބަލައި، އެހެން ކޯޓަކަށް ބަދަލުކުރުމުން މިހާރު ހުރި ކޯޓުގެ މަސައްކަތަށް އަސަރުކުރާނެ މިންވަރަށް ރިއާޔަތްކުރަންޖެހެއެވެ.

ހަމައެއާއެކު، ފަނޑިޔާރު ބަދަލުކުރެވޭ ކޯޓުގައި ހުރި މައްސަލަތައް ނިންމުމަށް ބޭނުންވާނެ ވަސީލަތްތައް އެ ކޯޓުގައި ގާއިމްވެފައި ހުރި މިންވަރަށް ވެސް ކޮމިޝަނުން ބަލަންވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މި އިސްލާހާއެކު، ރާއްޖޭގެ ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތައް އަވަސްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ވަކި ކޯޓެއްގައި މައްސަލަތައް ގިނަވެ، އިތުރު ފަނޑިޔާރުންގެ އެހީތެރިކަން ހޯދައިގެން ނޫނީ މައްސަލަތައް ނިންމަން ދަތިވާ ހާލަތްތަކުގައި އެހެން ކޯޓުތަކުގެ ފަނޑިޔާރުން ބޭނުންކުރަން ޖޭއެސްސީއިން ގަވައިދެއް ހެދިއިރު ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގައި މައްސަލަތައް ގިނަވެ އެތައް ބަޔަކު ޝަކުވާ ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް އާއިމާރާތެއް ހަމަޖެއްސިފަހުން އެކޯޓުގެ ޝަރީއަތްތައް ކުރިއަށްވުރެ އަވަސްވިނަމަވެސް އަދިވެސް ސިވިލް ކޯޓުގެ ޝަރީއަތްތައް ކުރިއަށްދަނީ ވަރަށް ލަހުންނެވެ. އޭގެއިތުރުން ހައިކޯޓުގެ ޝަރީއަތްތައް ލަސްވުމުގެ ޝަކުވާވެސް އާއްމުން ކުރެއެވެ.