މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުއެވެ.

އެގޮތުން އެ މައްސަލައިގައި ބުނެފައިވަނީ، މެދުއިރުމަތީގެ ހަނގުރާމައިގެ މައިދާނާ ރާއްޖެ ދުރުގައި އޮތް ނަމަވެސް، ޔޫރަޕާއި ރާއްޖެއާ ދެމެދު އޮންނަ ދަތުރުފަތުރުގެ މަގުތަކަށް އެޅޭ ހުރަސްތަކުގެ ސަބަބުން އިގްތިސާދީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށެވެ.

އަދި ރާއްޖޭގެ އިގްތިސާދުގެ މައި އިންޖީނު ކަމަށްވާ ފަތުރުވެރިކަމުގެ ދުވެލި މަޑުޖެހި، ވިޔަފާރިތަކަށް ލިބޭ އާމްދަނީ ބޮޑުތަނުން ދަށްވެފައިވާކަން މައުރޫފް ވަނީ ވިދާޅުވެފައެވެ.

މިގޮތުން ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދު 7,000 އިން 4,000 އާއި 5,000 އާ ދެމެދުގެ އަދަދަކަށް ދަށްވެފައިވާ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ދުވާލަކު ގާތްގަނޑަކަށް 2,000 ބުކިން ކެންސަލްވަމުންދާ ކަމަށްވެސް މައުރޫފް ވަނީ ވިދާޅުވެފައެވެ.

މިގޮތުން މިއީ ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު 21 އިންސައްތަ ދަށަށް ދިއުމެއް ކަމަށްވެސް މެންބަރު މައުރޫފް ވިދާޅުވިއެވެ.

މީގެ އިތުރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލަފާކޮށްފައިވާ ގޮތުގައި، ތެލުގެ އަގު އުފުލުމާއި ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާއެކު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 2025 ވަނަ އަހަރު 5.4 އިންސައްތައިގައި އޮތުމަށްފަހު، 2026 ވަނަ އަހަރު 1.9 އިންސައްތައަށް ދަށްވާނެ ކަމަށް ވެސް އެ މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.

އެ ހާލަތުން އަރައިގަތުމަށް އެޅިދާނެ ފިޔަވަޅުތަކެއް ވެސް މެންބަރު މައުރޫފް ހުށަހަޅުއްވާފައި ވެއެވެ.

މިގޮތުން މުވައްޒަފުންގެ މުސާރަ ދިނުމަށާއި ވިޔަފާރި ކުރިއަށް ގެންދިއުމަށް "ވޯކިންގ ކެޕިޓަލް ލޯނު" ނުވަތަ "އިންކަމް ސަޕޯޓް އެލަވަންސް" ތައާރަފުކުރުމާއި ފަތުރުވެރިކަމުގެ ދާއިރާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނުގެ އަސްލު ފައިސާ ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދިނުމާއި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލުއި ލޯނުތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ ގްރޭސް ޕީރިއަޑެއް ދިނުން ހިމެނެއެވެ.

އަދި ކަރަންޓާއި ތެލުގެ ޚަރަދުތަކަށް ލުއި ދިނުމަށް ޔުޓިލިޓީ ސަބްސިޑީ ތައާރަފުކުރުމާއި ރިސޯޓުތަކުގެ ކުއްޔާއި އެއާޕޯޓް ޗާޖުތައް ވަގުތީގޮތުން ކުޑަކުރުމާއި ޓޫރިޒަމް ޖީއެސްޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް ދެއްކުން ވަކި މުއްދަތަކަށް ފަސްކޮށްދިނުންވެސް ހިމެނެއެވެ.

އެ މައްސަލައަށް ބަހުސްކުރުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން އެ މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް ނިންމައި އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.