އިދިކޮޅު ޕާޓީތަކުން މާލޭގައި ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތައް ގާނޫނާ ހިލާފު ކަމަށް ބުނެ، އެ ހަރަކާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ގޮވާލާ ސަރުކާރު ހިންގާ ޕީއެންސީން މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފިއެވެ.އެ ގަރާރު ޕީއެންސީގެ ފަރާތުން ހުށަހެޅުއްވީ، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.

އެ ގަރާރުގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ހިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތް ހިންގައި މަސްލަހަތު ނަގާލައި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކަށް ހަރަކާތް ހިންގަމުން ގެންދާކަމަށެވެ. އަދި ގާނޫނާއި ހިލާފު ސިޔާސީ ހަރަކާތްތަކުގެ ސަބަބުން މާލޭގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް އެކަމުގެ ދަތި އުނދަގޫތައް ތަހައްމަލުކުރަން ޖެހިފައިވާކަމަށެވެ.

އެހެންކަމުން އެފަދަ ފަރާތްތަކުން ހިންގަމުންގެންދާ ގާނޫނާ ހިލާފު ކަންކަން ހުއްޓުވާ އެފަދަ ފަރާތްތަކާއި މެދު ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން ގާނޫނާއި އެއްގޮތަށް ފިޔަވަޅު އެޅުމަށްވެސް ސަރުކާރު ހިންގާ ޕީއެންސީ މަޖިލިހަށް ހުށައެޅި ގަރާރުގައިވެއެވެ.

މާލޭގައި ކޮންމެ ރެޔަކު ސިލްސިލާ މުޒާހަރާތައް ކުރަމުން އަންނަނީ އެމްޑީޕީ އާއި ޕީއެންއެފުންނެވެ. ޕީއެންއެފުން ކުރާ މުޒާހަރާތަކާއި ގުޅިގެން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ރޭ އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ދީފައެވެ.