ސިޔާސީ ޕާޓީވާންޖެހޭނީ ސަރުކާރާ ރައްޔިތުން ގުޅުވައިދޭ އެއްޗަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.

މުސްތަފާ މިހެން ވިދާޅުވީ ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފަށް އެއްވުންތައް ބާއްވާތީ އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާ ހޮޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފަށް ސިޔާސީ ޕާޓީތަކުން ހިންގާ ގާނޫނާއި ހިލާފު ހަރަކާތްތަށް ހުއްޓުވާ އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލާ ހުށަހެޅި ގަރާރުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު މުސްތަފާ ވިދާޅުވީ ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމަކަށް ދިއުމަށްޓަކައި ބަޔަކު މީހުން މަގުމަތީގައި ހަރަކާތްތަކެއް ފަށައި އަލިފާން ބޯޅަތަކާއި އެއްޗެހި އުކާ އަދި ރާއްޖޭގެ އަމަން އަމާންކަން ނަގާލާ ރާއްޖޭގެ މިއޮތް ރީތި އަހްލާގާއި ކިޔަމަންތެރިކަމާއެކު ތިބި ދިވެހި ރައްޔިތުންގެ ސުލޫކު ދުއްވާލާފައި އުފެދުނު ނިޒާމެއްގެ ތެރޭގައި އެ ވާހަކަ ދައްކާ ކަމަށެވެ.

އެކަން ހަނދާންކުރަން ޖެހޭ ކަމަށާއި އެކަން ކުރި ބަޔަކީ އެމްޑީޕީ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މިއަދު ޕާޓީއެއްގެ ގޮތުގައި ފެންނަން އޮތް އެމްޑީޕީ ރަޖިސްޓްރީވެގެންދިޔައީ 2005 ވަނަ އަހަރުކަމަށް މުސްތަފާ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނު އުފެދުމުގެ އަށެއްކަ އަހަރު ކުރިން އުފެދުނު ޕާޓީއަކަށްވުމުން އަދިވެސް އެ ޕާޓީއަށް މި ގާނޫނުގެ ތެރޭގައި އުޅެން މިއަދުވެސް ނޭނގިގެން އުޅެނީކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނަނީ ވަކި އައިޑެންޓިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ސުލްހަވެރިކަމާއެކު ޑިމޮކްރަސީގެ ހަމަތަކާއެކު އުފެދިފައި އޮންނަ އެއްޗަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވެ މުސްތަފާ ވަނީ ޕާޓީގެ ހަރަކާތްތައް ހިންގަނީ އެ ފަދަ ސުލްހަވެރިކަމާއެކުތޯ ސުވާލު އުފައްދަވާފައެވެ. އަދި އެގޮތަށް ނުހިނގާކަމުގައި ވަނީނަމަ ފިޔަވަޅުއަޅަން ޖެހޭނެ ކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ.

ގާނޫނާއި ގާނުނު އަސާސީއާ ހިލާފަށް ހިނގާ އަމަލުތައް ހިންގާކަމުގައި ވަނީ ނަމަ އަނެއްކާވެސް ސިޔާސީ ޕާޓީގެ ގާނޫނުގައި މާނަކުރާ ގޮތާ ހިލާފަށް ހިންގަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިސްލާމީ އުންމަތެއްގަ އިސްލާމްދީނާއީ ހިލާފު ވާހަކަތައްދައްކާ އިސްލާމްދީނާ ހިލާފު ކަންކަން ހިންގާ އެއްބަޔަކު އަނެއްބަޔަކު ދޭތެރޭގަ ދެބަ އޮޑުވުމާއި އެއްބަޔަކު އަނެއްބަޔަކު ނައްތާލަން ގޮވާލުމާއި އެއްބަޔަކު އަނެއްބަޔަކު ކޮށްގެން ނުވާނެކަންތައް ނުވަތަ ނުކުރާ ކަންތަކުގެ ބަދުނާމު ބޮލުގައި އެޅުވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން. ގާނޫނު އަސާސީ ހުއްދަކުރާކަމެއް ނޫން ." މުސްތަފާ ވިދާޅުވިއެވެ.

މީގެ އިތުރުން މުސްތަފާ ވިދާޅުވީ އެކަންކަން ކުރާކަމުގައި ވަނީނަމަ އެފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހޭނެކަމަށެވެ.

އަދި އެއީ ސަރުކާރަށް ކުރަން ޖެހޭކަމެއް ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ ހެދިފައި ހުރި ގާނޫނުތައް ގޯހީ ނޫންކަމަށާއި މި އުޅެނީ ގާނޫނުތައް ތަންފީޒު ނުކުރެވިގެން ކަމަށެވެ.

ހަމައެހެންމެ ސިޔާސީ ޕާޓީތައް ވާންޖެހޭނީ އެއިރެއްގައި އޮންނަ ސަރުކާރަކާ ރައްޔިތުން ގުޅުވައިދޭ އެއްޗަކަށް ކަމަށް ޕާޓީތަކުގެ ގަވާއިދު ބުނާކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ.