ބާރުގެ ބޭނުންކޮށްގެންނާއި ބިރުދެއްކުމުގެ ބަހުރުވައިން އީރާނާ މުޢާމަލާތު ނުކުރެވޭނެކަން އެމެރިކާއަށް މިހާރު ވިސްނިފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ބޭއްވި ހަފްތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބަގާއީ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބަސްމަގަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ހުރުމުޒު ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ގެންގުޅުއްވާ "ޕްރޮޖެކްޓް ފްރީޑަމް" ޕްލޭނަށް ބަގާއީ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އީރާނުގެ "ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސް" ގެ ކޮމާންޑަރު ކުރިން ނެރުއްވި ބަޔާނަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، ވޮޝިންޓަނުން އިންސާނިއްޔަތާ ގުޅުވައިގެން ދައްކާ ވާހަކަތައް ދުނިޔެ ގަބޫލުނުކުރާ ކަމަށެވެ.
އަދި ކުރީގެ ގޯސްތައް ތަކުރާރުކޮށްގެން، އަމިއްލައަށް އުފައްދާފައިވާ ދަތި ހާލަތުން އެމެރިކާއަށް ސަލާމަތްވެވޭނެ ކަމަށް ދުނިޔެ ގަބޫލުނުކުރާ ކަމަށް ބަގާއީ ވިދާޅުވިއެވެ.
އޭނާ ވަނީ ބިރުދެއްކުމާއި މަޖުބޫރުކުރުވުމުގެ ބަހުރުވައިން އީރާނާ ވާހަކަ ނުދެއްކޭނެކަން އެމެރިކާއަށް ދަސްވާންޖެހޭނެ ކަމަށް ވިދާޅުވެ ހުރުމުޒު ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ ފަރާތަކީ އީރާނުކަން އެ ގައުމުން ދައްކުވައިދީފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ބަގާއީ އިތުރަށް ވިދާޅުވީ، ފެބްރުއަރީ 28ގެ ކުރިން ހުރުމުޒް ކަނޑުއޮޅިއަކީ ކަނޑުދަތުރުފަތުރަށް އަމާން މަގެއް ކަމަށެވެ.
އަދި މި މުހިންމު ކަނޑު އޮޅީގެ މަގު ނާމާން ތަނަކަށް ހެދުމުގެ ޒިންމާ އެމެރިކާއިން އުފުލަންޖެހޭނެ ކަމަށް ބަގާއީ ވަނީ ވިދާޅުވެފައެވެ.
ބައިނަލްއަގުވާމީ މުޖުތަމައުން އެމެރިކާ ޖަވާބުދާރީ ކުރުވަންޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބަގާއީ އިތުރަށް ވިދާޅުވީ، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އީރާނުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަންޖެހޭނެކަން، އުޅަނދުފަހަރާއި ޝިޕިންގް ކުންފުނިތަކަށް ޔަގީނުން ވެސް މިހާރު އެނގޭނެ ކަމަށެވެ.
ހުރުމުޒް ކަނޑުއޮޅީގެ ސަލާމަތާ ގުޅޭގޮތުން ފަރަންސޭސިވިލާތުން ދެއްކި ވާހަކަތަކަށް ރައްދުދެއްވަމުން، އީރާނުގެ ތަރުޖަމާނު ވަނީ މިހާރު އޮތް މަސްލަހަތު އިތުރަށް ގޯސްނުކުރުމަށް އެހެން ގައުމުތަކަށް ނަސޭހަތްތެރިވެފައެވެ.
އީރާނުން އަޅަމުންދާ ފިޔަވަޅުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް އަޅާ ފިޔަވަޅުތަކެއް ކަމަށާއި، އޭގެ މަގްސަދަކީ އީރާނުގެ މަސްލަހަތުތަކަށް އުދުވާނީ ހަމަލާއެއް ނުލިބޭނެކަން ކަށަވަރުކުރުން ކަމަށްވެސް ބަގާއީ ވިދާޅުވިއެވެ.
އަދި މިއީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެވިފައިވާ އުސޫލެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ގައުމުތަކުން ހަގީގަތުގައި ވެސް އެހީތެރިވާން ބޭނުންނަމަ، އެ ސަރަހައްދާއި އެ ނޫން ސަރަހައްދުތަކުގައި އެމެރިކާއިން ހިންގާ ހަރަކާތްތައް އިތުރުވިޔަނުދީ ހުއްޓުވަންޖެހޭ ކަމަށް ބަގާއީ ވިދާޅުވިއެވެ.
އަދި ވޮޝިންޓަނުން ކަނޑުފޭރުމުގެ އަމަލުތައް ހިންގައި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކަކީ ނާމާން ތަންތަނަށް ހަދާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ދާދި ފަހުން ޕާކިސްތާނު، ރަޝިޔާ އަދި އޮމާނަށް ކުރެއްވި ދަތުރުފުޅުތަކުގެ މަގްސަދާ ބެހޭގޮތުން ސުވާލުކުރުމުން ބަގާއީ ވިދާޅުވީ، އީރާނާއި އޮމާނަކީ ކަނޑުއޮޅީގެ އައްސޭރިފަށުގެ ދެ ގައުމު ކަމަށާއި، އެހެންކަމުން ހުރުމުޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމެއް އެ ދެ ގައުމުން ގާއިމުކުރަންޖެހޭ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، މީގެ ބޭނުމަކީ އެމެރިކާގެ ސަބަބުން ބުރޫއަރާފައިވާ ކަނޑުގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އެ ސަރަހައްދުގައި ކަށަވަރުކުރުން ކަމަށެވެ.
އާދީއްތަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ހޯމަ ދުވަހުން ފެށިގެން ހުރުމުޒް ކަނޑުއޮޅީގައި ތާށިވެފައިވާ އުޅަނދުފަހަރު "މިނިވަންކުރުމަށް" އެމެރިކާއިން އެހީތެރިވާނެ ކަމަށެވެ.
މިއީ އީރާނުން ހުރުމުޒު ކަނޑު އޮޅި ބަންދުކުރުމުން އެމެރިކާގެ ސަރުކާރުން އެ ބަންދު މުގުރާލާނެ ކަމަށް އިޝާރާތްކޮށް އޭނާ ވިދާޅުވި ވާހަކައެކެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި "ޕްރޮޖެކްޓް ފްރީޑަމްގެ ނަމުގައި މި ކެމްޕޭން ފެއްޓެވީ ކަނޑުއޮޅީގައި އުޅަނދުފަހަރު ތާށިވެފައިވާ ގައުމުތަކުގެ އެދުމުގެ މަތިންނެވެ.
އޭނާ އެ ގައުމުތައް ސިފަކުރެއްވީ "ވަކި ފަރާތަކަށް ނުޖެހޭ، ކުށެއް ނެތް ބައެއްގެ" ގޮތުގައެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޯމަ ދުވަހުން ފެށިގެން ކަނޑުއޮޅިން "މިނިވަންކަމާއެކު ދަތުރުކުރަން ބޭނުންވާ" ވިޔަފާރި އުޅަނދުފަހަރަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާނެ ކަމަށެވެ.
އެ ބަޔާނުގައި ބުނީ ހޯމަ ދުވަހުން ފެށިގެން ކަނޑުއޮޅިން 'މިނިވަންކަމާއެކު ދަތުރުކުރަން ބޭނުންވާ' ވިޔަފާރި އުޅަނދުފަހަރަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާނެ ކަމަށެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ކުއްލި ހަނގުރާމައެއްގެ ސަބަބުން، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި އަސްކަރިއްޔާގެ އިސް ބައެއް އޮފިޝަލުން ވަނީ ޝަހީދުވެފައެވެ.
އީރާނުގެ އަސްކަރިއްޔާއިން މީގެ ރައްދުގައި ހަފުތާތަކެއް ވަންދެން، އިސްތިއުމާރުކޮށްފައިވާ ބިންތަކާއި ޕާޝިއަން ގަލްފް ސަރަހައްދުގައި ހުރި އެމެރިކާއާއި އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފައިވެއެވެ.
40 ދުވަހުގެ ތެރޭގައި ދިން 100 އަށްވުރެ ގިނަ ރައްދު ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.
އީރާނުގެ ރައްދު ފިޔަވަޅުތަކުގެ ތެރޭގައި، ދުޝްމަނުންނާއި އެމީހުންގެ ބައިވެރިންގެ އުޅަނދުފަހަރަށް ހުރުމުޒު ކަނޑުއޮޅި ބަންދުކުރުން ވެސް ހިމެނެއެވެ.
އޭގެ ފަހުން އީރާނުން ވަނީ އެ ކަނޑު އޮޅީގައި އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅައި، އުޅަނދުފަހަރު ދަތުރުކުރެވޭނީ އީރާނުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ކަމަށް ކަނޑައަޅާފައެވެ.
މި ފިޔަވަޅު އެޅީ އީރާނުގެ އުޅަނދުފަހަރާއި ބަނދަރުތަކާ ދެކޮޅަށް އެމެރިކާއިން ހިންގަން އުޅޭ ޣައިރު ގާނޫނީ ބަންދު ކުރިއަށް ގެންދާނެ ކަމަށް އިއުލާނު ކުރުމާ ގުޅިގެންނެވެ.
އީރާނުގެ 14 ނުކުތާގެ ޕްލޭނަށް އެމެރިކާއިން ދިން ޖަވާބާ ގުޅޭގޮތުން ޚާރިޖީ ވުޒާރާއިން ބުނީ، މެދުވެރިއެއްގެ ގޮތުގައި ޕާކިސްތާނު މެދުވެރިކޮށް އެ ޖަވާބު ލިބިފައިވާ ކަމަށާއި، މިހާރު އެ ޕްލޭންގެ ތަފްސީލުތައް އީރާނުގެ އޮފިޝަލުން މުރާޖައާ ކުރަމުންދާ ކަމަށެވެ.
އެމެރިކާއަކީ އާދަޔާ ޚިލާފަށް ބޮޑެތި ޑިމާންޑްތައް ކުރުމުގެ އާދަ ހުންނަ ބައެއް ކަމަށާއި، އެކަން ދޫކޮށްލުމަކީ އެމީހުންނަށް ފަސޭހަ ކަމެއް ނޫން ކަމަށް ބަގާއީ ވަނީ ވިދާޅުވެފައެވެ.
އަދި އީރާނުގެ ނިއުކްލިއާ ކަންކަމާ ގުޅޭގޮތުން މީޑިއާގައި ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ލަފާކުރުންތަކެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހުރުމުޒް ކަނޑުއޮޅީގެ ސަލާމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ބަގާއީ ވަނީ އެ ކަނޑުއޮޅިއަކީ ނާމާން ތަނަކަށް ހެދުމުގެ ޒިންމާ އެމެރިކާއިން އުފުލަންޖެހޭނެ ކަމަށް ވިދާޅުވެ، ބައިނަލްއަގުވާމީ މުޖުތަމައުން އެމެރިކާ ޖަވާބުދާރީ ކުރުވުމަށް ބަގާއީ ވަނީ ގޮވާލައްވާފައެވެ.