ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވަމުންދާ އެއްވުންތަކުގައި ގާނޫނާ ހިލާފު އަމަލުތަކެއް ތަކުރާރުވަމުންދާނަމަ، އެ ޕާޓީއާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގެ (ޅ) ގެ ދަށުން، އެހެން ގާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ހަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށެވެ. އަދި ހުރިހާ ޕާޓީތަކުންވެސް ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ތެރެއިން އަމަލުކުރުމަކީ ގާނޫނުން ލާޒިމްކޮށްފައިވާ ކަމެއްކަން ކޮމިޝަނުން ހަނދާންކޮށްދީފައިވެއެވެ.
މީގެ އިތުރުން، އެއް ޕާޓީއަކުން ބާއްވާ ބައްދަލުވުމަކަށް އަނެއް ޕާޓީއަކުން ހުރަސްއެޅުމާއި، އެއް ވަގުތެއްގައި އެއް ތަނެއްގައި އެހެން ޕާޓީއަކުން ހަރަކާތްތައް ހިންގަން މަސައްކަތް ކުރުމަކީވެސް ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގެ (އ) އާއި (މ) އާ ހިލާފު އަމަލުތަކެއް ކަމަށް އީސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، ޕީއެންއެފް އިން ބާއްވަމުންދާ އެއްވުންތަކުގައި ގާނޫނާ ހިލާފު އަމަލުތައް ތަކުރާރުވަމުންދާ ކަމުގެ މައުލޫމާތު ކޮމިޝަނަށް ލިބިފައިވާތީ، އެފަދަ ކަންކަން ނުކުރުމަށް އެ ޕާޓީއަށް މިހާރު ވާނީ ނަސޭހަތްތެރިވެފައެވެ. އަދި މިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމިޝަނަށް ހާޒިރުވުމަށް އެދުމުން، އެ ޕާޓީން އެކަމަށް އުޒުރުވެރިވެފައިވާ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މިފަދަ އަމަލުތައް އިތުރަށް ތަކުރާރުވާނަމަ، ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެ ޕާޓީއާ މެދު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.