ޔުނިވަރސަލް ޕީރިއަޑިކް ރިވިއު، ޔޫޕީއާރުގެ ވަރކިންގ ގްރޫޕުގެ 52 ވަނަ ސެޝަން ފަށައިފިއެވެ.

ޚާރިޖީ ވުޒާރާއިން ބުނީ މި މުއްދަތުގެ ތެރޭގައި އދގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ ދަށުން ޤާއިމުކޮށްފައިވާ ޔޫޕީއާރު ވަރކިންގ ގްރޫޕުން 14 ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ހާލަތު ވަޒަން ކުރާނެ ކަމަށެވެ. އެ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ބެލްޖިއަމް، ޑެންމާކް، އެސްޓޯނިއާ، ލެޓްވިއާ، މޮޒަމްބީކް، ނެމީބިއާ، ނިޖަރ، ޕަލާއު، ޕެރަގުއޭ، ސޭޝެލްސް، ސިއެރާ ލިއޯން، ސިންގަޕޫރު، ސޮލޮމަން އައިލެންޑްސް އަދި ސޯމާލިއާއެވެ.

ޔޫޕީއާރު ވަރކިންގ ގްރޫޕްގެ މި ސެޝަންގައި ރާއްޖޭގެ ވަފުދުން ބައިވެރިވެ، ދިވެހި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާ އެއްގޮތަށް ރިވިއު ކުރުމަށް ހަމަޖެހިފައިވާ ޤައުމުތަކަށް ބިނާކުރަނިވި ލަފާ ހުށަހަޅާނެއެވެ.

މި ސެޝަންގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ، ޖެނީވާގައި ހުންނަ އދގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. އަދި މިވަފުދުގައި ކައުންސެލަރ އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ ޢާއިޝަތު ރަޔާހީން އަދި އެޓާޝޭ މުޙައްމަދު ރާއިދު ސައީދު ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ސެޝަން ކުރިއަށްދަނީ، ޖެނީވާގައި ހުންނަ އދގެ އޮފީސް ޕެލޭ ޑި ނޭޝަންސްގައެވެ. ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ސެޝަން މި މަހުގެ 15އާ ހަމައަށް ކުރިއަށްދާނެއެވެ.