ސްރީލަންކާއާއި ރާއްޖޭގެ އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާކުރެއްވީ، ސްރީލަންކާގެ ބޮޑުވަޒީރު، ޑޮކްޓަރ ހަރިނީ އަމަރަސޫރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.
މި ޒިޔާރަތުގައި ދެ ބޭފުޅުންވެސް ވަނީ، މެހުމާންދާރީ އާއި ފަތުރުވެރިކަން، ސިއްހަތު، ތައުލީމު، ތަމްރީން އަދި އެ ނޫންވެސް އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއާ ގުޅުންހުރި ދާއިރާތަކުން ދެ ގައުމުން ގެންގުޅޭ ރަޙުމަތްތެރި ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ދެ ގައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުން އިތުރަށް ކުރެވިދާނޭ މަސައްކަތްތައް ދެނެގަތުމުގެ ޢަޒުމުގައި ތިއްބެވިކަން ކަށަވަރުކޮށްދެއްވާފައެވެ.
މި ބައްދަލުވުމުގައި ރައިސް މުއިއްޒު ވަނީ، މިދިޔަ އަހަރު ސްރީލަންކާއަށް އެރި ތޫފާން، ސައިކްލޯން ޑިޓްވާ އާ ގުޅިގެން އެ ގައުމަށް ކުރިމަތިލާންޖެހުނު އިޖުތިމާއީ އަދި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އެ ޤައުމުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް ތާރީފުކުރައްވާފައެވެ.
އަދި ދެބޭފުޅުންގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުން، ރާއްޖޭގެ ގައުމީ ތަރައްގީގެ މަސައްކަތްތަކަށް ދެމުންދާ އަގުހުރި ހިދުމަތްތަކާއި، ސްރީލަންކާގައި ދިރިއުޅޭ ރާއްޖޭގެ ރައްޔިތުން، އެ ޤައުމުގެ ތަރައްޤީގެ މަސައްކަތްތަކަށް ދެމުންދާ މާނަހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މި މަހުގެ 3 އިން 6 އަށް ސްރީލަންކާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅެކެވެ.