ރާއްޖޭގެ ހައްޖު މިޝަން މެމްބަރުން މައްކާއަށް ފުރައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން މީސްމީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ހައްޖު މިޝަންގެ މެންބަރުން މިއަދު މައްކާއަށް ފުރާފައިވާކަމަށެވެ.

ހައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ހާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާނީ ރާއްޖޭގެ ހައްޖު މިޝަންއިންނެވެ.

ދިވެހި ހާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާ މިނިސްޓްރީ އަދި ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް މި މިޝަންއިން ކުރަމުންދާނެއެވެ.

ރާއްޖެއިން ހައްޖަށް ވަޑައިގަންނަވާ ހައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާ ހައްޖު މިޝަންގައި އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނެއެވެ. އޭގެ ތެރޭގައި އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާގެ ބޭފުޅުންނާއި، ހައްޖު ކޯޕަރޭޝަން ތަމްސީލް ކުރައްވާ ބޭފުޅުންނާއި، ދީނީ އިލްމުވެރިން އަދި ޕަބްލިކް ސާވިސް މީޑިއާއާއިގެ ބޭފުޅެއް މިޝަންގައި ހިމެނެއެވެ.

ހައްޖު މޫސުމުގައި ވުޒާރާއިން މައްކާގައި ގާއިމުކުރާ ދިވެހި ހައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިކަށް ހަމަޖައްސަވާފައިވަނީ ރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރި ޖެނެރަލް އިމްތިތާއު އައްބާސް އެވެ.

ފުރުމުގެ ކުރިން އޭނާ ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވީ ހައްޖު މިޝަން އޮފީހުގެ އެންމެ ބޮޑު އަމާޒަކަށް ވެގެންދާނީ ހައްޖުވެރިންނަށް ހިދުމަތްތަށް ފޯރުކޮށްދޭ ކަން ކަށަވަރު ކުރުން ކަމަށެވެ.

ހައްޖު މިޝަން އޮފީހުގެ އެންމެ ބޮޑު އަމާޒަކަށް ވެގެންދާނީ ދިވެހި ހައްޖާބެހޭ އެންމެހާ ހިދުމަތްތަށް ވީހާވެސް ރަނަގަޅު ފެންވަރެއްގައި ފޯރުކޮށްދޭތޯ ކަށަވަރު ކުރުން"

މިއަހަރު ހައްޖު މޫސުމަށް މައްކާގައި ގާއިމު ކުރާ ދިވެހި ހައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔަކަށް ހަމަޖައްސާފައިވާ، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނަރަލް، އިމްތިތާއު އައްބާސް

މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހިންގެ ފުރަތަމަ ގްރޫޕް މި މަހު 15 ގައި ސައުދި އަރަބިއްޔާއަށް ދިއުމަށް ފުރާއިރު، މިފަހަރު ހަތަރު ފްލައިޓެއްގައި މީހުން ދަތުރުކުރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އޭގެ ތެރެއިން ދެ ފްލައިޓަކީ ގައުމީ އެއާލައިން މޯލްޑިވިއަނުން ބާއްވާ ދެ ދަތުރެވެ. އަނެއް ދެ ފްލައިޓަކީ ސައުދިއާ އެއާލައިނުން ބާއްވާ ދެ ދަތުރެވެ.

އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި، މި އަހަރު ހައްޖަށް 1،000 ދިވެހިންގެ ތެރެއިން 500 މީހަކު ދަތުރުކުރާނީ މޯލްޑިވިއަންގަ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މިފަހަރު ދިވެހި ހައްޖުވެރިން ސައުދީގައި 22 ދުވަހު ތިބޭނެ ކަމަށައި، ހައްޖު ނިންމުމަށް ފަހު ދިވެހިން އެނބުރި ރާއްޖެ އައުމަށް ފުރާނީ އަންނަ މަހު ފަހަކުން ފެށިގެން ކަމަށެވެ.

މިއީ، ހައްޖުގެ އެންމެހާ އިންތިޒާމްތައް ވިލަރެސްކޮށް ބެލެހެއްޓުމަށް ކޮންމެ އަހަރަކުވެސް ކަނޑައަޅާ، ހައްޖު މިޝަންގެ ދަށުން މައްކާގައި ގާއިމުކުރާ އޮފީހެކެވެ.

މައްކާ ހައްޖު އޮފީހުގެ ވެރިޔަކަށް މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނަރަލް، އިމްތިތާއު އައްބާސް ހަމަޖައްސާފައިވާއިރު، ރާއްޖޭގެ ފަރާތުން އިސް ޝައިހެއްގެ ގޮތުގައި ހައްޖުގައި ބައިވެރިވެ ވަޑައިގަންނަވާނީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ހުސައިންއެވެ.