މާލީ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑުގެ ނަމުގައި އެވޯޑެއް ތައާރަފްކުރުމަށް ނިންމައިފިއެވެ.
އެމްއެމްއޭ އިން ބުނީ، މި އެވޯޑަކީ މާލީ އިދާރާތަކުން ހޯދަމުންދާ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް އެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމަށް ދެވޭ އެވޯޑެއް ކަމަށެވެ.
މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސްގައި ޖުމްލަ 7 އެވޯޑު ދިނުމަށް ހަމަޖެހިފައިވެއެވެ. އެއީ މާލީ ނިޒާމު ހަރުދަނާކުރުމަށް އެމް.އެމް.އޭއިން ޚާއްސަ އަހުމިއްޔަތުކަންދޭ ދާއިރާތައް ކަމަށްވާ މާލީ ބައިވެރިވުން އިތުރުކުރުމާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، ޑިޖިޓަލް ފައިނޭންސް ފުޅާކުރުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ މާލީ ޚިދުމަތްތައް އިތުރުކުރުމާއި އަދި ގްރީން ފައިނޭންސް ކުރިއެރުވުމާ ގުޅޭ ދާއިރާތަކުންނެވެ.
އެމްއެމްއޭގެ އަމާޒަކީ މި އެވޯޑުގެ ސަބަބުން މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ، ހުރިހާ ދާއިރާއެއް ޝާމިލުވާ ފަދަ މާލީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބާރުއެޅުމެވެ. އަދި މިއީ ދާއިރާގެ ވާދަވެރިކަން އިތުރުވެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބާރުއެޅޭނެ ކަމެއް ކަމަށް އެމްއެމްއޭއިން ބުނެއެވެ.
މި އެވޯޑްތަކަށް ޝަރުތުހަމަވާ މާލީ އިދާރާތަކަށް އެވޯޑްތަކަށް ކުރިމަތިލުމަށް މިހާރު ހުޅުވާލެވިފައިވާއިރު، އެވޯޑް ލިބޭ ފަރާތްތައް އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ އެކަމަށްޓަކާ ހާއްސަކޮށްގެން ޖުލައި މަހުގެ 1 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތެއްގައި ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.