ފަހި ދިރިއުޅުން ފްލެޓްގެ ކަރަންޓަށް މައްސަލަ ދިމާވަނީ މަގު ކޮންނަ އިރު މެއިން ކޭބަލް ތަކަށް ދިމާވާ ގެއްލުމުގެ ސަބަބުން ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ފަހި ދިރިއުޅުން އިމާރާތްތަކަށް ދިމާވާ ކަރަންޓުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ، ފަހިދިރިއުޅުމުގެ 4000 ފްލެޓަކީ އިމާރާތް ކުރުމުގެ މަޝްރޫއުގެ ތެރޭގައި ފެނާއި ނަރުދަމާ އަދި ކަރަންޓު ގުޅުން ހިމެނިފައި ނުވާ މަޝްރޫއެއްކަމަށެވެ. ނަމަވެސް އެ މަޝްރޫއު ނިމޭ ހިސާބަށް ދިޔުމުން ސަރުކާރުގެ ކުންފުނިތައް ބޭނުން ކޮށްގެން އެމްޑަބްލިއުއެސްއީ އާ ސްޓެލްކޯ މެދުވެރިކޮށް އެ ހިދުމަތްތައް ގުޅާފައިވާ ކަމަށެވެ.

" ކަރަންޓު ދިއުމުގެ މައްސަލަ މިހާރު އެ ދިމާ ވަނީ ފޭސް 3 ގައި އެކި ފަރާތް ތަކުން ކޮންނަމުންދާއިރު މެއިން ކޭބަލަށް ލިބޭ ގެއްލުންތަކާ ގުޅިގެން ކަންނޭގެ . ގެއްލުން ލިބުނީމަ ބައެއްފަރާތް ތަކުން ފޮރުވާފަ ބަހައްޓަނީ އެހެންމަ ހަގީގަތުގައި އެކަމުގަ ސަމާލު ވުމަކީ ވަރައްބޮޑުއެދުމެއް"

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު

ވަޒީރު ވިދާޅުވީ، ހާއްސަ ކޮށް ކުރިން ޕްލޭން ކޮށްފައިވާ ގޮތާ ހިލާފަށް ވަރަށް ގިނަ ގޯތިތަކެއް ފޭސް 3 ގައި ދީފައި ހުރިކަމަށާއި، އަދި ބައެއް ގޯތިތަށް އޭރު ހުރީ މަގަށް ވެސް އަރާފައި ކަމަށެވެ.

އެހެން ކަމުން އެތަންތަނުގައި މަސައްކަތް ކުރާ އިރު އެޗްޑީސީގެ އެހީތެރިކަން ހޯދައިގެން ކޭބަލްތަކަށް ގެއްލުން ނުވާނޭ ހެން މަސަކަތް ކުރުމަކީ އެތަނުގައި ދިރިއުޅޭ އެތައް ބައެއްގެ ހައްގުގައި ކުރަން ޖެހޭނެ މަސައްކަތެއް ކަމަށް ފާހަގަކުރައްވާ ވަޒީރު ވަނީ އެ މަސަކަތް ކުރުމުގައި އެފަރާތް ތަކުން ވަރަށް ބޮޑު ސަމާލު ކަމެއް އެކަމަށް ދިނުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ވަޒީރު ވަނީ އެ ސަރަހައްދު ސާފުތާހިރުކޮށް ބޭއްވުމަށް ވެސް އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ.