މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާ ގުގުރާނެ ކަމަށް ލަފާކޮށްފައިވާތީ ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ދުރާލާ ތައްޔާރުވެ ފިޔަވަޅުއެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެދިއްޖެއެވެ.
ގުގުރުމާއި ވިދުމުން ލިބޭ ގެއްލުން ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކެއް ގޮތުގައި އެންޑީއެމްއޭ އިން ބުނެފައިވަނީ ހާމަ ތަންތަނާއި ޓެރެސް ފަދަ އުސް ތަންތަނުން ދުރުހެލިވުން، އިމާރާތްތަކުގެ ތެރޭގައި ތިބުން، ބޭރުގައިނަމަ ވިއްސާރައިން ހިޔާވުމަށް އުސް ތަންތަން ކައިރީ އަދި ގަސްތަކުގެ ދަށުގައި ނުތިބުން، އިލެކްޓްރޯނިކް ތަކެތިން ކަރަންޓު ކަނޑާލުން ފަދަ ކަންކަމާއި ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެތަކެތި ބޭނުންކުރުމުން ދުރުހެލިވުން އަދި ފެންބޮޑުވެފައިވާ ސަރަހައްދުތަކާއި ތެމިފައިވާ ތަކެއްޗާއި ދަގަނޑު ތަކެތިން ދުރުހެލިވުމަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބާރަށް ގުގުރާނެކަމަށް ލަފާކޮށް ޅ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. އަދި ފާއިތުވިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ސ. ހިތަދޫ އަށެވެ.
މިމަހުގެ އެކި ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާއިރު ވާރޭ ވެހޭ ވަގުތުގައި ވާރޭ ވެހޭ މިންވަރު އިތުރުވާނެކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.