ރަށްވެހިންގެ ރަޖިސްޓަރީއަކީ ސިޓީ ކައުންސިލުން ކޮށްދިނީމަ ކުރެވޭނޭ ކަމެއް ކަމަށާއި އެކަމާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލުން ދައްކާ ވާހަކަ އަކީ އެއްވެސް އުސޫލެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަ އެއްނޫން ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ފަހި ދިރިއުޅުމުގެ ފަރާތުން ފްލެޓްތަކަށް ނިސްބަތްކޮށް ހަދާ އެއްބަސްވުމާ ރަށްވެހިންގެ ރަޖިސްޓްރީ އާއި ގުޅިގެން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު މުއްޠަލިބް ވިދާޅުވީ، ސަރުކާރުން މިހާތަނަށް ސޯޝަލް ހައުސިންގ ހިންގާފައިހުރި މަޝްރޫއުތައް ދީފައިހުރީ ސޭލް އެންޑް ޕާޗޭސް އެގްރީމެންޓެއްގެ ދަށުންކަމަށެވެ. މިއީ މުޅި މުއްދަތަށް ދާ ހަރަދު ހުށަހަޅާފައި އެގްރީމެންޓެއް ކަމަށާއި އެ އަގަކީ އެ މަހަކަށް ބަހާލައިގެން މަހެއްގެ މައްޗަށް ދައްކަންޖެހޭ ކުއްޔެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބަދަލު އައީ ހަމައެކަނި އެގްރީމެންޓް އަށް ކިޔާ ޓެކްނިކަލް ޓާމްއަށް ކަމަށެވެ. ސޭލް އެންޑް ޕާޗޭސް އެގްރީމެންޓެއްގެ ބަދަލުގައި ރެންޓް އޯން މޮޑެލް އަށް ދެ ތަނުންވެސް ރަޖިސްޓްރީ ހަދާ މދެނީ ފައިސާ ދައްކާ ނިމުމުން ކަން ވަޒީރު ފާހަގަކުރެއްވިއެވެ. ސޭލް އެންޑް ޕާޗޭސް އެގްރީމެންޓެއްގެ ދަށުން ވެސް ދޭތަންތަން ރަޖިސްޓްރީ ހަދާ ދޭނީ އެތަނަށް ފައިސާ ދައްކާ ނިމުނީމަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެން ކަމުން އެއީ އެއްވެސް ހާލެއްގައެއް ސަރުކާރުގެ ޕޮލިސީއަކުން ކުރެވޭނެ ކަމެއް ނޫން ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ރެންޓް އޯން މޮޑެލް އަކީ 25 އަހަރަށް ކުލި ބަރާބަރަށް ދެއްކުމުން އެތަނެއް އެމީހަކަށް އަމިއްލަ ވާ އެގްރީމެންޓެކެވެ. އަދި މިއީ ގާނޫނީ ހުއްޖަތުގައި އޮތް ކަމެއް ނޫން ކަމަށާއި އެއީ ސިޓީ ކައުންސިލް ސަރުކާރަށް އުނދަގޫ ކުރުމަށްޓަކައި ރައްޔިތުންނާއި ސަރުކާރާ ޖެއްސުމަށްޓަކައި ކޮށްފައިިއޮތް ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެއީ އެއްވެސް ހުއްޖަތެއް ގާނޫނީ ހައިސިއްޔަތެއް އޮވެގެން ކުރާ ކަމެއް ނޫން ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސަރުކާރުން މިކަން މާލެ ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ. އަދި ރައްވެހިންގެ ރަޖިސްޓްރީ ހެދުމަށް އެދިފައިވާ ކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.