ޗައިނާ އެހީގައި މާލޭގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއަތަލިބް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ޗައިނާ އެހީގައި މާލޭގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއާއި ގުޅުވައިގެން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ މިހާރު އެ މަޝްރޫއުގެ ފީޒަބިލިޓީ ސްޓަޑީސްގެ މަސައްކަތް ނިންމާފައިވާ ކަމަށާއި، ސާވޭ އަދި ޑިޒައިން ކުރާނެ ބަޔަކު ހޮވާފައިވާކަމަށެވެ.

އެގޮތުން މި ހިނގާ މެއި މަހުގައި އެމީހުން ރާއްޖެއަށް އައިސް އެ މަސައްކަތްތައް ފަށާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސާވޭ، ޑިޒައިން މަސައްކަތްތައް ނިމުމަށްފަހު އެ ޑިޒައިން ފައިނަލް ވުމުން ޗައިނާގެ ޓެންޑާ ކުރާނެ ކޮންޓްރެކްޓަރެއް ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، ކޮންޓްރެކްޓަރަކު ހޮވުމުން އަމަލީ މަސައްކަތް ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ގޮތަށް ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ދާކަމަށެވެ.

މި މަޝްރޫއުގައި ރައީސް އިއުލާން ކުރައްވާފައިވާ ގޮތަށް ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށް އެބަދޭ. ޗައިނާ ސަރުކާރުން މަސައްކަތް ކަނޑައަޅާފައިވާ ގޮތަށް ކުރިއަށް ގެންދާނެ"

ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއަތަލިބް

މީގެ އިތުރުން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގޭކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ވީހާވެސް އަވަހަށް މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ޕޭޕާ ވޯކްގަ މި އުޅޭނީ، އެ މަސައްކަތްތައް ފެށޭނެ ސީދާ ތާރީގެއް ދަންނަވާކަށް އަޅުގަނޑުމެންނަކަށް ނޭންގެ"

މިނިސްޓަރ މުއްތަލިބު

2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް ޑރ މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުން ރާއްޖެއަށް ދޭން ނިންމި 130 މިލިއަން ޑޮލަރުގެ ބޮޑު ބައެއް ހޭދަކުރާނީ، މާލޭ މަގު ހަދާ މަޝްރޫއަށް ކަމަށް އެ މަނިކުފާނު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ސަރުކާރުގެ އަމާޒަކީ 2025 ވަނަ އަހަރުގެ ތެރޭގައި އެ މަޝްރޫއު ފަށައި ކުރިއަށް ހަތަރު އަހަރަށް ބަހާލައިގެން އެ މަޝްރޫއު ނިންމުން ކަމަށް ވަޒިރު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވަނީ މާލޭ ސަރަހައްދުގެ މަގުތަކުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ގިނަ މަގުތަކުގައި ތާރުއަޅާ، ބިމުއަޑިން ކޭބަލް ލައި، ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ވަނީ ހަމަޖައްސާފައެވެ.