ކެންދޫ ސިއްހީ މަރުކަޒަށް 25 އަހަރު ފުރުމުގެ އުފަލުގައި ރިހިޔޫބީލް މިދިޔަ ހުކުރު ދުވަހުގެރޭ ކުލަ ގަދަކޮށް ފާހަގަ ކޮށްފި އެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ރަފީގު ހަސަން އެވެ.

މި ރަސްމިއްޔާތާ ގުޅޭގޮތުން ކެންދޫ ސިއްހީ މަރުކަޒުން ވީނިއުސް އަށް މައުލޫމާތު ދެމުން ބުނީ ރަސްމިއްޔާތުގައި އެ މަރުކަޒަށް ކުރިން ހިދުމަތް ކޮށްދެއްވާފައިވާ މިހާރު ރިޓަޔާކުރައްވާފައިވާ ހާއްސަ 5 ފަރާތަކަށް އަގުވަޒަންކުރުމުގެ ގޮތުން ޝީލްޑް ހަވާލު ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން 10 އަހަރާއި 15 އަަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކުރަމުން ދާ ފަރާތްތަކަށް އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީފިލާ އެރުވި ކަމަށްވެސް މައުލޫމާތުދެއެވެ.

ހަމަމިއާއެކު އެކި ގޮތްގޮތުން ހިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް ވެސް ހަނދާނީ ލިޔުން އެރުވި ކަން ފާހަގަކުރިއެވެ. މަރުކަޒަކީ މިހާރު 24 ގަޑިއިރު ހިދުމަތް ދޭ މަރުކަޒެކެވެ.