ސަލްޓަންޕާކު މަރާމާތުކުރުމަށްޓަކައި ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އިން ބުނީ ސަލްޓަންޕާކު މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތައް، 3 މެއިން ފެށިގެން ކޮންމެ ދުވަހަކު އިރުއޮއްސި 18:00 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާކަމަށެވެ.

އެހެންކަމުން އެ މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި ސަލްޓަންޕާކު ސަރަހައްދު އާންމުންނަށް ވަގުތީގޮތުން ބަންދުވާނެ ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ. އަދި އެކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ މިނިސްޓްރީން ވަނީ މައާފަށް އެދިފައެވެ.

ސަލްޓަން ޕާކަކީ މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ކުރިން ބަލަހައްޓަމުން އައި ތަނެކެވެ. ނަމަވެސް ސިޓީ ކައުންސިލަށް އެތަން ނުބެލެހެއްޓޭކަމަށް ބުނެ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ސަރުކާރުން ވަނީ އެ ޕާކާ ހަވާލުވެފަ އެވެ. އޭގެފަހުން މިދިޔަ އަހަރުގެ އޮގަސްޓްމަހު ހައުސިންގ މިނިސްޓްރީން ވަނީ ސަލްޓަން ޕާކު ތަރައްގީކުރުމަށް އެމަހުން ފެށިގެން 3 މަހުގެ މުއްދަތަކަށް އެޕާކު ބަންދުކޮށްފައެވެ.

އޭގެފަހުން މިއަހަރުގެ މަރޗް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ސަލްޓަން ޕާކު ތަރައްގީކުރުމުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައެވެ. އޭރު މަސައްކަތްކުރަމުންދިޔައީ ފިތުރު އީދު ދުވަހަށް ސަލްޓަން ޕާކު ތަރައްގީކުރުމުގެ މަސައްކަތް ނިންމާ އެތަން ހުޅުވުމަށެވެ.