މިއަހަރުގެ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ނިޔަލަށް އާންމުކޮށް މިދުވަސްވަރު ވާރޭވެހޭވަރަށްވުރެ އިތުރަށް ވާރޭވެހެމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓުން ބުނީ މިދުވަސްވަރު ހުރިހާ ސަރަހައްދެއްގައިވެސް ފިނިހޫނުމިން އާންމުކޮށް ހުންނަމިންވަރަށްވުރެ މަތިވާނެކަމަށްވެސް ބެލެވޭކަމަށެވެ. މެޓް އޮފީހުން އިތުރަށް ބުނީ މިފޯކާސްޓް އާންމު ގޮތެއްގައި ތައްޔާރުކުރަނީ އޭޕްރީލް މަހު ހުންނަ މޫސުމީ ހާލަތަށާއި އަދި މޫސުމަށް ބަދަލު އައުމަށް މެދުވެރިވާ ސަބަބުތަކަށް ރިއާޔަތް ކުރެވިގެންކަމަށެވެ. އަދި މިއީ ޖުމްލަކޮށް ކުރިޔަށް އޮތް 4 މަހު ވާރޭވެހޭނެ ގޮތަށާއި ފިނިހޫނުމިން ހުންނާނެކަމަށް ބެލެވިފައިވާ ގޮތް ކަމަށްވެސް އެއިދާރާއިން ބުނެއެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ މަހުން މަހަށް އަންނަ ބަދަލުތައް ވަކި މަސްތަކަށް ލަފާކުރެވޭ މޫސުމާއެކު އަދާހަމަކުރެވިގެންދާނެކަމުގައެވެ.
މިއަހަރުގެ މަރޗް އަދި އޭޕްރީލް މަހަކީ ރިކޯޑް މިންވަރަށް ރާއްޖެއަށް ހޫނު ގަދަވި ދުވަސްވަރެކެވެ. ނަމަވެސް އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖެއަށް ވަނީ މޫސުން ގޯސްވެ ވިއްސާރަކުރަން ފަށާފައެވެ.