އިންތިހާބުކުރަންޖެހޭ އަދަދަށްވުރެ މަދުން ކުރިމަތިލާފައިވާ ދާއިރާތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 އަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 އަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި ވ.ރަކީދޫ އަދި މ.ރަތްމަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިހާބުކުރަންޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައިނުވާތީ، މި ދެ ރަށުގައި ބާއްވަންޖެހޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު، 2026 ޖޫން 20 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ނިންމައިފާވާކަމަށެވެ.

އެގޮތުން ވ.ރަކީދޫ އަދި މ.ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިހާބުކުރަންޖެހޭ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް 2026 މޭ 18 ވާ ހޯމަ ދުވަހުގެ 15:00 އާ ހަމައަށް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މައި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރުފަހު 15:30 އަށް ކަމަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ހަވީރު 18:00 އާ ހަމައަށް ކަމަށެވެ.

މި ރަށްތަކުގައި އިންތިހާބުކުރަންޖެހޭ މަގާމުތަކުގެ ތެރޭގައި ވ.ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ މަގާމަށް އެއް މެންބަރު ހިމެނެއެވެ. އަދި މ.ރަތްމަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށް އެއް މެންބަރު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ މަގާމަށް ދެ މެންބަރުން ހިމެނެއެވެ.

ވ.ރަކީދޫ އަދި މ.ރަތްމަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، 2026 ޖޫން 20 ވާ ހޮނިހިރު ދުވަހުގެ 8:00 ން 16:00 އަށް ކަމަށާއި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައިކަމަށް އެ ކޮމިޝަނުން ބުނެއެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖައްސާފައިވަނީ 2026 ޖޫން 22 ވާ ހޯމަ ދުވަހުގައެވެ.