ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު މެންދުރު ފަހު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން މި ހިނގާ މޭ މަހުގެ 3 އިން 6 އަށް ކުރައްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.

މީގެ އިތުރުން، ތައުލީމާއި، ފަންނީ ތަމްރީނާއި، އިގްތިސާދީ އެއްބާރުލުމާއި، ހިންގުމުގެ ދާއިރާގެ އިތުރުން ތަރިކަ އަދި ބައިނަލްއަގުވާމީ މައިދާންތަކުގައި އެކުގައި މަސައްކަތްކުރެވޭނެ އައު މަގުތައް ހޯދުމާ ގުޅޭގޮތުން ވެސް ދެ ގައުމުގެ އިސްވެރިންނާއެކު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ދެ ގައުމުގެ ރައީސުންގެ ހާޒިރުގައި، ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި ރައީސް މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ދެ ގައުމުން އިސްކަންދޭ އެކި ދާއިރާތަކުގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

މި ދަތުރުފުޅަކީ 2025 ޖުލައި 28 އިން 30 އަށް ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 1965 ޖުލައި 26 ގައެވެ.