ޑިމޮކްރަސީ ދެމެހެއްޓުމުގައި ނޫސްވެރިންގެ ދައުރަކީ ނުހަނު މުހިންމު އަސާސެއް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިހެން ވިދާޅުވީ ބައިނަލްއަޤްވަމީ ގޮތުން މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

މޭޔަރ ޢާޒިމްގެ މެސެޖުގައި ވިދާޅުވީ، ފަހަކަށް އައިސް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް އަޅަމުންދާ ފިޔަވަޅުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ވަކިން ހާއްސަކޮށް، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް އަޅަމުންދާ ފިޔަވަޅުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

ނޫސް އިދާރާތަކަށް ވަދެ ފާސްކުރުމާއި ނޫސްވެރިންނަށް ކުރިމަތިކުރަމުންދާ ހުރަސްތަކަށް އިޝާރާތް ކުރައްވަމުން ޢާޒިމް ވިދާޅުވީ، "މިއީ މިނިވަން ނޫސްވެރިކަން ދިފާއުކުރުމަށްޓަކައި މަސައްކަތްކުރަންޖެހޭ ނާޒުކު ވަގުތެއް" ކަމަށެވެ. އަދި ބިރުވެރިކަމާއި ނުފޫޒުގެ ސަބަބުން ހަގީގަތް އޮޅުވާނުލެވޭނެކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި، މީޑިއާ އަދި އާންމު ރައްޔިތުން އެކުގައި ގުޅިގެން މަސައްކަތްކުރުމަށް މޭޔަރ ޢާޒިމް ވަނީ ގޮވާލައްވާފައެވެ. އަދި މިއީ ގައުމުގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި މޭޔަރ ވަނީ ސިފަކުރެއްވިއެވެ.