ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް އެސްޓީއޯ ހެލްތުކެއާ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދުނިޔޭގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި "ބޭޔަރ" (Bayer) ގެ ފާމަސޫޓިކަލް އުފެއްދުންތައް މިއަދު ރަސްމީކޮށް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

މި އުފެއްދުންތައް ތައާރަފުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސިއްހީ ދާއިރާގެ މާހިރުންނަށް އަމާޒުކޮށްގެން ބޭއްވި ތަމްރީނު ޕްރޮގްރާމް ކުރިއަށްދިޔައީ މާލޭގެ ހޮޓެލް ޖެންގައެވެ.

އެސްޓީއޯ އިން ބުނީ މި ރަސްމިއްޔާތުގެ މައިގަނޑު މަގުސަދަކީ ބަލިތަކަށް ފަރުވާކުރުމުގައި ބޭނުންކުރާ އެންމެ ފަހުގެ އީޖާދީ ވަސީލަތްތައް ތައާރަފުކުރުމެވެ. މިގޮތުން ހިތުގެ ބަލިތަކާއި، ކިޑްނީގެ ބަލިތަކާއި، ހޯރމޯންއަށް އަންނަ ބަދަލުތަކާ ގުޅޭ ބަލިތަކާއި (Endocrinology)، އެތެރެހަށީގެ ބަލިތަކުގެ އިތުރުން އަންހެނުންގެ ސިއްހަތާ ގުޅުންހުރި ދާއިރާތަކުން ހޯދިފައިވާ ކުރިއެރުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރެވުނު ކަމަށް ބުނިއެވެ.

އެސްޓީއޯ ހެލްތު ކެއާއިން ތަޢާރަފްކުރެވުނު ފަރުވާތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރަމުންދާ، ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ، އަދި ބަލިމީހުންގެ ފަރުވާގެ ނަތީޖާ ރަނގަޅުކުރުމުގައި ކާމިޔާބުކަން ސާބިތުވެފައިވާ އީޖާދީ ފަރުވާތަކެއް ކަމަށް އެސްޓީއޯއިން ބުނިއެވެ. މި ފަރުވާތައް ރާއްޖެއަށް ތައާރަފް މިކުރެވުނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހަރުދަނާ އަދި އިތުބާރުހުރި އުސޫލުތަކުގެ ތެރެއިން ރަޖިސްޓްރީ ކޮށްގެން ކަމަށް އެސްޓީއޯއިން ބުނިއެވެ.

އެސްޓީއޯ ހެލްތުކެއާ އާއި ބޭޔަރ ކުންފުނި ގުޅިގެން ފެށި މި މަސައްކަތަކީ ރާއްޖޭގެ ގައުމީ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ފަރުވާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދެ ފަރާތުން ކުރާ މަސައްކަތުގެ ހެއްކެކެވެ. މި ފެށުނު ގުޅުމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވެސް ބުނިއެވެ.