ދިވެހިވަންތަކަމުގެ ސިފަތަކާއި އާދަކާދަތައް ދެމެހެއްޓުމަށްޓަކައި "ދޫދޫ މަތިން ހަނދާން އެއްކުރުމުގެ ޤައުމީ މަޝްރޫޢު" އަށް ރަށަކުން 10 މީހުން ތަމްރީނުކޮށް އެ މަސައްކަތް ކުރުމަށް ރަށަކުން 10 މީހަކު ހޮވާނެ ކަމަށް ހެރިޓޭޖް މިނިސްޓަރ، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހީނާ މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުންނެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ހީނާ ވިދާޅުވީ ރާއްޖޭގެ ތާރީޚާއި ސަގާފަތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް "ދޫދޫމަތިން ހަނދާން އެއްކުރުމުގެ މަޝްރޫޢު" ގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރު ހީނާ ވިދާޅުވީ މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ލިޔެވިފައިވާ ތާރީޚުގެ އިތުރުން، އުމުރުން ދުވަސްވީ މީހުންގެ ތަޖުރިބާތަކާއި ދޫދޫމަތިން ކިޔައިދޭ ވާހަކަތައް އެއްކޮށް ރައްކާތެރިކުރުމުގެ އާދަ ދިވެހިންގެ ތެރޭގައި އަށަގެންނެވުން ކަމަށެވެ.

އަދި އެ މަޝްރޫގެދަށުން ތަމްރީނުކުރާ ތަރިކަވެރިން މަސައްކަތް ކުރާނީ ސީދާ ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން ކަމަށްވެސް މިނިސްޓަރު ހީނާ ވިދާޅުވިއެވެ.

އެގޮތުން މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީހުންނަށް ދިމާވެފައިވާ ހާދިސާތަކާއި، ދިރިއުޅުމުގެ ހާލަތު އަދި ތާރީޚީ މައުލޫމާތުތައް އެއްކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި މަޝްރޫއުގެ ތެރެއިން ރާއްޖޭގެ އެކި ދުވަސްވަރުގެ މުހިންމު ހާދިސާތަކާ ދިރިއުޅުމުގެ އާދަކާދަތަކާ އެ ބޭފުޅުންނަށް ކުރެވިފަ ހުރި ތަޖުރިބާތަަކާ ދިވެހިންގެ މައުނަވީ ތަރިކަ ދިރުވާ އާލާ ކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރެވޭނެ. އަދި މި މަޝްރޫގެ ތެރެއިން ރާއްޖޭގެ ކޮންމެ ރަށަކުން 10 މީހުން ދޫދޫ މަތިން ހަނދާން އެއްކުރުމަށް ތަމްރީނު ކުރެވެމުން މިހާރުވެސް އެބަދޭ."

ހެރިޓޭޖު މިނިސްޓަރު ހީނާ

މީގެ އިތުރުން، މިނިސްޓަރު ވަނީ"ތަރިކަވެރިން އުފެއްދުމުގެ ޤައުމީ މަޝްރޫޢު" ގެ ދަށުންވެސް ކޮންމެ ރަށަކުން 10 މީހުން ތަމްރީނު ކުރާނެ ކަމަށް ވިދާޅުވެފައެވެ.

އެ ފަރާތްތަކުން ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެން، ރަށުގެ ތާރީޚީ ހާދިސާތަކާއި ދިރިއުޅުމުގެ އާދަކާދަތައް ރެކޯޑުކޮށް ބަލަހައްޓާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އެ މީހުންގެ ޒިންމާއަކީ ރަށުގެ ތާރީޚީ މައުލޫމާތުތައް އުނގެނި، އެ ތަކެތި ލިޔެ ރައްކާތެރިކުރާ ބަލަދުވެރިންގެ ގޮތުގައި މަސައްކަތް ކުރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.