ހަލާކުވެފައިވާތީ 9 ލައްކަ އަށް ވުރެ ގިނަ ދިވެހި ރުފިޔާގެ ނޫޓް މިދިޔަ އަހަރު ނައްތައިލައިފި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭއިން ބުނީ، ނައްތާލި ނޫޓުތަކުގެ އަދަދު 938،033 އަށް އަރާ ކަމަށެވެ. އަދި އޭގެ އަގު 70.6 މިލިއަން ރުފިޔާއަށް އަރާ ިކަމަށް ވެސް އެމްއެމްއޭ އިން ބުނެއެވެ.ނައްތާލި ނޫޓުތަކުގެ ތެރޭގައި އެންމެ ގިނައީ 100 ރުފިޔާގެ ނޫޓު ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ރާއްޖޭގައި މިހާރު ބޭނުން ކުރަމުން އަންނަނީ ސަލާމަތީ ފީޗާތައް ވެސް ވަރުގަދަ ޕޮލިމާ ނޫޓެވެ.
މިހާރު ބޭނުން ކުރަމުންދާ "ރަންދިހަ ފަހެއްގެ" ނޫޓް ސީރީޒްގައި ހިމެނޭ 5 ރުފިޔާ، 10 ރުފިޔާ، 20 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ، 500 ރުފިޔާ، އަދި 1000 ރުފިޔާގެ ނޫޓްތަކުގައި ސޮއި ކުރައްވާފައި ވަނީ ކުރީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް އެވެ.
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ގުޅިގެން އެމްއެމްއޭއިން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ބޭނުން ކުރަން ފެށި "ރަންދިހަ ފަހެއް"ގެ ނޫޓްތައް ހަދާފައި ވަނީ ޕޮލިމާ ކަރުދާހުގައި މުޅިން އާ ޑިޒައިންތަކުގަ އެވެ.