ގައުމީ ދާރުލްއާސާރު ކޮންމެ ހޮނިހިރު ދުވަހަކު ވެސް އާންމުންނަށް ހުޅުވަން ނިންމާފައިވާ ކަމަށް ހެރިޓޭޖް މިނިސްޓަރ، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހީނާ މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުންނެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ދާރުލްއާސާރު ހުޅުވާފައި ހުންނަނީ ހަމައެކަނި ރަސްމީ ދުވަސްތަކުގައި އެކަނި ކަމަށެވެ.
އެހެން ނަމަވެސް، ގައުމީ ދާރުލް އާސާރުގެ ތަކެތި ބަލާލައި ދިރާސާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކޮންމެ ހޮނިހިރު ދުވަހަކުވެސް އެތަން ހުޅުވަން ނިންމަވާފައިފާވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރަސްމީ ދުވަސްތަކުގައި ވެސް ދާރުލްއާސާރު ހުޅުވާފައި ހުންނަ ވަޤުތު އިތުރުކުރުމަށް ބައެއް ފަރާތްތަކުން އެދެމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންްކަމުން ރަސްމީ ދުވަސްތަކުގައިވެސް އެތަން ހުޅުވާފައި ހުންނަ ވަޤުތު ހެނދުނު 09:00 އިން ރޭގަނޑު 21:00 ނުވަތަ 22:00 އަށް އިތުރުކުރުމަށް ވިސްނަވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އެކަަމަށްޓަކައި އިދާރީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.