މިއަހަރުގެ މެދެއްހާ ހިސާބުގައި އެސްޓީއޯގެ ހުރިހާ ފާމަސީތަކާއި މެޑިކަލް ކޮންސިއުމަބަލްގެ ކޮންޕޯނެންޓްތައް ސްޓޭޓް ފާމާގެ ދަށުން ހިންގަން ފަށާނެ ކަމަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާރ ޑރ.ޝާހް މާހިރް ވިދާޅުވެއްޖެއެވެ.

ވީޓީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ.ޝާހް ވިދާޅުވީ މިހާރު ބޭނުން ކުރާ ސިސްޓަމަކީ ޒަމާނީ ސިސްޓަމެއް ކަމަށާއި ލައިވްކޮށް ސްޓޮކް އިނގޭނެ ގޮތަށް ހުރިހާ ފާމަސީ ތަކުގައި ހުރި ހުރިހާ ބޭހެއް އޭގެ އެކްސްޕަޔަރީ ޑޭޓާއި ހުރި ތަންތަން މުޅި ރާއްޖެއިން އެނގިގެންދާނެ ކަމަށެވެ.

މިސިސްޓަމްތަކުގެ ސަބަބުން އަތުގައި ހުރި ސްޓޮކް ވަގުތުން ފެންނާނެކަން ޑރ.ޝާހް ފާހަގަކުރެއްވިއެވެ.

އޭގެ މާނައަކީ ސްޓޮކެއް މާލެ ސަރަހައްދުގައި ހުރިއްޔާ އަޅުގަނޑުމެންނަށް ވަރަށް ފައްސޭހައިން އިނގިގެންދާނެ އެއާ އެއްކޮށް އަތޮޅު ތެރޭގައި ހުރި ސްޓޮކް ވެސް ރަށްރަށުގައި ހުރި ސޮޓްތައް ވެސް އިނގިގެން ދާނެ

ޑރ. ޝާހް މާހިރް

މީގެ އިތުރުން ދެވަނަ ފޭސްއެއް ގޮތަށް މަސައްކަތް ކުރަނީ އާސަންދަ އިންޓަގްރޭޓް ކުރުން ކަމަށް ޝާހް ވިދާޅުވިއެވެ. އާސަންދަ އިންޓަގްރޭޝަނަކީ ޑޮކްޓަރު ބޭސް ލިޔުއްވާއިރު ޑްރޮޕް ޑައުން މެނުއުގަ އެ ލިބޭ އޮޕްޝަންތަކުގަ ހުރި ބޭސް އިނގޭ ކަހަލަ ގޮތަކަށް ސިސްޓަމް ބައްޓަންވާނެ ކަމަށެވެ. އަދި މިހެން ހެދުމުން ލައިވް ކޮށް ސްޓޮކްގައި ހުރި ބޭސް ޕިރިސްކްރައިބް ކުރަން ފަސޭހަ ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ގެންގުޅުއްވާ ސިސްޓަމް ފައްކާ ވީމަ ދެން ޕްރައިވެޓް ފާމަސީ "ތަކުން ވެސް ސްޓޮކް އަޕްލޯޑް ކުރައްވާ ކަހަލަ ނިޒާމެއް ގެންގުޅުއް ވުމަށް ވިސްނަން

ޑރ. ޝާހް މާހިރް

ޑރ. ޝާހު މާހިރު ވިދާޅުވީ، ކުރެވުނު ދިރާސާތަކަށް ބަލާއިރު ރައްޔިތުންނަށް ބޭނުންވާ ބޭސް ނުލިބި ގިނަ ތަކުލީފުތަކާއި ކުރިމަތިލާ ކަމަށެވެ. އަދި ރައްޔިތުންގެ ޝަކުވާތައް އެންމެ އެދެވޭ ގޮތެއްގައި ބެލޭނެ ނިޒާމެއް މިވަގުތު ޤާއިމްވެފައިނުވާ ކަމަށެވެ. އެހެންކަމުން އެ ކުންފުނިން އެންމެ ފުރަތަމަ ރައްޔިތުންގެ ޝަކުވާތަކާއިއެކު ކަންކަން ޙައްލު ކުރުމަށް ޚާއްޞަ ކޯލް ސެންޓަރެއް ޤާއިމްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ސްޓޭޓް ފާމާއިން ތަޢާރަފް ކޮށްފައިވާ ހޮޓްލައިން ނަންބަރަކީ، 1505 އެވެ. މިއީ، 24 ގަޑިއިރު ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ޚިދުމަތް ލިބޭ ގޮތަށް ތައާރަފް ކޮށްފައިވާ ޚިދުމަތެއް ކަމަށާއި، މި ނަންބަރު ތައާރަފް ކޮށްފައިވަނީ ދިވެހި ރައްޔިތުންނަށް ބޭސް ލިބުމުގައި ހުރި ދަތިތައް ޙައްލު ކުރުމަށް ކަމަށް ވިދާޅުވިއެވެ.

ބޭސް ލިބުން ދަތިވާ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ދަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި ލުއިތަކާއި، ކުރިއެރުން ދަނީ ލިބެމުންނެވެ. ބޭހުގެ މައްސަލަ ޙައްލުވެގެން އަންނައިރު ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓުވެސް އިތުރުކުރެވި ބޭނުންވާ ޒަރޫރީ ބޭހުގެ ލިސްޓުވެސް ފުޅާވެގެންދާނެއެވެ.

ބޭހުގެ މައްސަލަ ޙައްލު ކުރުމުގެ ގޮތުން ބޭހުގެ ސަޕްލައިވެސް ވަނީ ހަރުދަނާކޮށްފައެވެ. ރާއްޖެއަށް ބޭސް އެެތެރެކުރާ މިންވަރު އެތަށް ގުނައެއް އިތުރުކޮށްފައިވާއިރު، މީގެ ކުރިން އެސްޓީއޯއިން އެތެރެ ކުރި 200 އެއްހާ ބޭސް މިހާރު ވަނީ 800އާއި 900 ދެމެދަށް އިތުރުކޮށްފައެވެ.