ހަޔާތުގައި އެމަނިކުފާނަށް ކުރަން އެނގިވަޑައިގަންނަވާ ކަމަކީ ވެރިކަމުން މީހުން ބޭލުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީ ޗެއާޕާސަން ކެންޕެއިންގެ ތެރެއިން ދ.ކުޑަހުވަދޫގައި ރޭ ބޭއްވި ބައްދަލުވުމުގައެވެ.
އެގޮތުން އެ ބައްދަލުވުމުގައި ޕާޓީގެ އާންމު މެންބަރަކު ވަނީ އެމްޑީޕީގެ ޗެއަރ ޕާސަން އިންތިޚާބު ކޮންމެ ގޮތަކަށް ނިމުނު ކަމުގައިވިޔަސް 2028 ވަނަ އަހަރުގެ ވެރިކަން އެމްޑީޕީއަށް ހޯދައިދެއްވަން ނަޝީދު މަސައްކަތް ކުރައްވާނަންތޯ ސުވާލުކޮށްފައެވެ. އަދި އެކަމަށް ރައީސް ނަޝީދު މަސައްކަތްކޮށްދެއްވާނީ ކިހާ ވަރަކަށްތޯވެސް އެނާ ވަނީ ސުވާލުކުރިއެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނަކީ ވެރިކަމުން މީހުން ބާލަން ދަންނަ ބޭފުޅެއް ކަމަށެވެ. އަދި ޙަޔާތުގައި ކުރަން އެނގޭ ކަމަކީ މީހުން ވެރިކަމުން ބޭލުން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ ކުރިއަށް އޮތް 2028ގެ ވެރިކަން އެމްޑީޕީއަށް ހޯއްދަވައިދެއްވަން 24 ގަޑިއިރު މަސައްކަތް ކުރައްވާނެ ކަމަށްވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވީ ރައީސް މައުމޫން އަބްދުލްގައްޔޫމް 30 އަހަރު ވެރިކަމުގައި އިންނެވި ކަމަށާއި ރައީސް ޔާމީންވެސް ހުރިހާ ބާރުތަކަކާއެކުގައި ވެރިކަމުގައި އިންނެވި ކަމަށާއި އެ ވެރިކަންތައްވެސް ބަދަލު ކުރެވިއްޖެ ކަމަށެވެ.
އަދި މިވެރިކަންވެސް ބަދަލުކުރެވެންޖެހޭނެ ކަމަށާއި އެ ބަދަލުކުރުމަށް އެ މަނިކުފާނާ އެއްވަރަށް މަސައްކަތްކުރާ އެކަކުވެސް ނުހުންނަ ވަރަށް އެ މަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށް އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވިއެވެ.
2008 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ 30އަހަރުގެ ވެރިކަން ނިމި އައީ ނަޝީދުގެ ވެރިކަމެވެ. އެ ވެރިކަމުގެ ދައުރު ހަމަވުމުގެ ކުރިން އެމަނިކުފާނު އިސްތިއުފާ ދެއްވުމުން ދެން ވެރިކަމުގައި ހުންނެވީ އެ ދައުރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އެވެ. އެއަށްފަހު 2013 ގެ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރެއްވުމަށްފަހު އެ ވެރިކަމުގެ ދައުރު ނިމި 2018 ގައި ދެން އައީ އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަމެކެވެ.
އެމްޑީޕީ ދެބައި ވެފައި އޮތް ދަނޑިވަޅެއްގައި ދެން އައި 2023ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީއެންސީން ކުރިމަތިލެއްވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުޢިއްޒުއެވެ.
އެއާއެކު ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށް މަގުފަހިވީ ރައީސް ނަޝީދު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ކުރެއްވި މަސައްކަތުން ކަމަށް ދިޔައީ ތުހުމަތުކުރެވެމުންނެވެ.