ރައްޔިތުން ބާރުވެރިކުރުވުމާއި، މަޢުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

އެ ޚިޠާބުގައު ރައީސް ވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ، ދިވެހި މީޑިއާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް، ޚާއްޞަކޮށް ހީވާގި ދިވެހި ނޫސްވެރިންނަށް އަރިސްކުރައްވާފައެވެ.

ރައީސްގެ ޚިޠާބުގައި، މީޑިއާއަކީ، ޤާނޫނު އަސާސީގައި ޞަރީޙަކޮށް ބަޔާންކޮށްފައިވާ، ވަކިވެފައިވާ ބާރުތައް ގުޅުވައިދިނުމުގެ އެންމެ މުހިންމު ދައުރު އަދާކުރާ "ހަތަރުވަނަ ބާރު" ކަން ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ރައްޔިތުން ބާރުވެރިކުރުވުމާއި، މަޢުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަން ކަމުގައި ރައީސް ވިދާޅުވިއެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ނުހަނު މަތީ ދަރަޖައަކަށް ފުރުޞަތު ދެވިފައިވައި، ހިފަހައްޓަންޖެހޭ އިންތަކަކާއި މިންތަކެއް ކަނޑައަޅުއްވާފައިވާ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ޚިޔާލުފާޅުކުރުމުގައި މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު ހިފެހެއްޓުމާއި، އިންސާނީ އަބުރާއި ކަރާމަތަށް ރައްކާތެރިވުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާކަން ރައީސް ހަނދުމަފުޅުކޮށްދެއްވިއެވެ.

ދިވެހި ނޫސްވެރިންނަށް ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އެންމެހައި ޙައްޤުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދެއްވާނޭ ކަމުގެ ޔަޤީންކަން ރައީސް އެރުއްވިއެވެ.

ނޫސްވެރިކަމުގެ މުސްތަޤުބަލަށް ފަހި އިންފޮމޭޝަން އިކޯސިސްޓަމްތައް ޤާއިމުކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ ޢަމަލީ މަސައްކަތުގެ ތެރެއިން ސަރުކާރުގެ މޯލްޑިވްސް 2.0 ގެ ތަޞައްވުރު ޙަޤީޤަތަކަށްވެގެންދާއިރު، ހުރިހާގޮތަކުންވެސް ދިވެހި ނޫސްވެރިންނަށް މިއަދަށްވުރެ ފަހި މާހައުލެއް ތަނަވެސްވެގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ ނޫސްވެރިކަމަކީ، އެ މަސައްކަތްކޮށްގެން އަބުރުވެރި ދިރިއުޅުމެއް ބިނާކުރުމުގެ މަގު ތަނަވަސްވެފައިވާ ދާއިރާއަކަށް ހަދަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީގެ ކުޑަކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި މީޑިއާ ހިންގުމަށް ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދައި، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ފައިހަމަކުރާނެ، މީޑިއާގެ ޢިލްމީ ޖީލެއް ބިނާކުރާނެ ފުރުސަތުތައް ތަނަވަސްކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މީޑިއާތަކަށް ދުވަހަކުވެސް ސަރުކާރަކުން ނުދޭ ސަމާލުކަން މި ސަރުކާރުން ދެއްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.