ލޯކަލް ކައުންސިލްތަކުގެ 5 ވަނަ ދައުރަށް އިންތިޚާބު ކުރެވުނު ކައުންސިލަރުން މަޤާމުގެ ހުވާކުރެއްވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.
މި ރަސްމިއްޔާތު ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި ކުރިއަށް ދާނެ ކަމަށް އެލްޖީއޭ އިން ވަނީ ބުނެފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ފުރަތަމަ އިންތިޚާބު ކުރެވުނު ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދެވިފައިވަނީ 2011 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އެއަށްފަހު ކޮންމެ ދައުރެއް ފެށޭ ހިނދު މިފަދަ ރަސްމިއްޔާތެއް ބޭއްވުމަކީ ޤާނޫނީ ގޮތުން ލާޒިމު ކަމެކެވެ.
އެ އިދާރާއިން ބުނެފައިވަނީ އަލަށް އިންތިޚާބުވި ހުރިހާ މެންބަރުން ހުވާކުރައްވައި އިޤުރާރުގައި ސޮއިކުރައްވައި ނިމުމާއެކު، ލަސްނުކޮށް ކައުންސިލްތަކުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ދާނެކަމާއި މިއީ އައު ދައުރުގެ މަސައްކަތްތައް ރަސްމީކޮށް ފެށުމަށްޓަކައި ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތެއް ކަން އެ އިދާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެފަދައިން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންވެސް އިޤުރާރުގައި ސޮއިކުރެއްވުމަށްފަހު، އެ ކޮމިޓީތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަކީ، އެ ކޮމިޓީ ހިންގުމުގެ އެންމެ އިސް ފަރާތުގެ ގޮތުގައި ފުލްޓައިމް މަޤާމެއް ކަމަށް އެ އިދާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
މި ބަދަލާއެކު ކޮމިޓީތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ރަށު ފެންވަރުގައި އަންހެނުންގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާވާނެ ކަމަށް ބެލެވޭ ކަމަށް އެއިދާއިން ވަނީ ބުނެފައެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރެވޭ މި މަސައްކަތަކީ، ދިވެހިރާއްޖޭގެ ލޯކަލް ގަވަރމަންޓް ހިންގުމުގެ ނިޒާމުގެ މުހިންމު ދައުރެއް ކަމަށް އެއިދާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް މުޢިއްޒު ކެބިނެޓަށް ގެންނެވި ބަދަލުތަކާއެކު ސިޓީސް މިނިސްޓްރީ އުވާލެއްވުމުން، އެ މިނިސްޓްރީގެ ހުރިހާ މަސްއޫލިއްޔަތުތަކެއް މިހާރުވަނީ ފިނޭންސް މިނިސްޓްރީ އާއި ހަވާލުކޮށްފައެވެ.