ބޭރުގެ ބައެއް ވެބްސައިޓުތަކުން ވިޔަފާރިކުރެވޭ މިންވަރު ލިމިޓު ކުރަން ނިންމާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާއިން ގިނަ ރައްޔިތުންގެ ބޭނުންތަކަށް ވިއްކުމުގެ ބޭނުމުގައި ކުރިން މިފަދަ މަދު ސައިޓްތަކުން ވިޔަފާރީ ކުރުމަށް ޖުމްލަ ބޭންކުން ވިއްކޭ އަދަދު ކޮންމެ ދުވަހަކަށް ކަނޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.

ކުރިން މިދެންނެވި ފަދަ މަދު ސައިޓުތަކުން ވިޔަފާރިތަކުން ވިޔަފާރި ކުރުމަށް ޖުމްލަ ބޭންކުން ވިއްކޭ އަދަދު ކޮންމެ ދުވަހަކަށް ކަނޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކުން. އޯޕަންކޮށް އެއްވެސް ލިމިޓެއް ނެތި އޮންނާނިއްޔެއް ނޫނޭ

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް

މިހާރު ބޭނުންވަނީ ސައިޓްތަކަށް އިތުރުވެގެން ދާ ވަރު ކޮންޓްރޯލް ކުރުން ކަމަށް ސީއީއޯ ވިދާޅުވި އެވެ. ކޮންޓްރޯލް ނުކުރެވިއްޖެނަމަ ދެން އަޅަން ޖެހޭ ފިޔަވަޅު ތަކަކުން އެހެން ރައްޔިއްތުންނަށް ވެސް ދަތި ކަމެއް ލިބިދާނެކަމަށާއި އެހެންކަމުން މި ފިޔަވަޅަކީ އާންމު ޒަރޫރީ ބޭނުން ތަކަށް ގިނަ ރައްޔިތުންނަށް ހަމަހަމަކަމާއެކު ބޭންކުންދޭ ބޭރު ފައިސާ ހިދުމަތް ފޯރުކޮށް ދިނުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

މިފަދަ ހާލަތްތަކުގައި ވަރަށް މަދު ބޭފުޅުންނަށް ވަރަށް ގިނައިން ޑޮލަރު ބޭނުންކުރެވޭ ކަމަށް ވަންޏާ އެހެން ބޭފުޅުންނަށް އެ ދޭންޖެހޭ ހިދުމަތް ދިނުމުގައި ދަތިތަކެއް ދިމާވޭ. ބޭނުމަކީ ކޮންމެވެސް ކަހަލަ ފިޔަވަޅުތަކެއް އަޅައިގެން ހުރިހާ ބޭފުޅުންނަށް ހަމަހަމަ ގޮތެއްގައި ހިދުމަތްތައްް، އެއްވެސް އެހެން ހިދުމަތަކަށް ބުރުލެއް ނާރާނެ ގޮތަކަށް ދިނުން

ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުޙައްމަދު ޝަރީފް

އީކޮމާސްގައި މަހަކު 30 ޓްރާންސެކްޝަނަށް ވުރެ އިތުރަށް ބޭނުންކުރަނީ ކަސްޓަމަރުންގެ 3 އިންސައްތަ އަށް ވުރެ ވެސް މަދުން މީހެއްކަން ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

ޝަރީފް ވިދާޅުވީ މިހާރު ގިނަ ކްރެޑިޓް ކާޑު ގެންގުޅުނު ނަމަވެސް އެ ކަސްޓަމަރަށް ލިބެނީ ބޭރު ފައިސާގެ ޓްރާންސެކްޝަންތައް ހެދުމަށް ހުރިހާ ކާޑަކަށް ޖުމްލަ އަދަދެއް ކަމަށާއި އެހެންވެ ގިނަ ކްރެޑިޓް ކާޑު ގެންގުޅުނު ނަމަވެސް އަހަރީ ފީ، އެންމެ ކާޑަކުން ނަގާ ގޮތަށް ނިންމާފައިވާ ކަމަށެވެ.