ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު މިއަދުގެ 15:00ގެ ނިޔަލަށް ހަމަވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަން އީސީއިން ބުނެފިއެވެ.
މި ބައި-އިލެކްޝަނަށް ކުރިމަތިލުމުލަށް ހުޅުވާލި ފުރުސަތު ހަމަވިއިރު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގެ ފަރާތުން 1 ކެންޑިޑޭޓާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން 1 ކެންޑިޑޭޓް ހިމެނޭހެން ޖުމްލަ 2 ކެންޑިޑޭޓުން ހުށަހަޅާފައިވާ ފޯމު ވަނީ ބަލައިގަނެފައިވާ ކަމަށް އީސީއިން ވަނީ ބުނެފައެވެ.
އެގޮތުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީގެ ފަރާތުން އަޙްމަދު ސަޢީދު އާއި ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީންގެ ފަރާތުން ޢަބަދުﷲ ޞާދިޤުއެވެ.
އެމްޑީޕީން ޞާދިޤުއަށް އެ ޕާޓީގެ ޓިކެޓު ލިބިފައިވަނީ ޕްރައިމަރީއަށް ހުޅުވާލި މުއްދަތުގައި އިތުރު އެއްވެސް މީހަކު ކުރިމަތިލާފައި ނުވާތީއެވެ.
ޕީއެންސީގެ ޓިކެޓު ސަޢީދަށް ލިބިފައިވަނީ ޕްރައިމަރީގައި ޓިކެޓް ކާމިޔާބު ކުރި ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން ވާދަނުކުރައްވަން ނިންމެވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގެ ވޯޓުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 6 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.