ކިޔަވާ ކުދިންނަށް ޚާއްސަ ކާޑެއް ތަޢާރަފުކުރުމަށް ނިންމާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ މި ފިޔަވަޅުތައް އަޅުއްވަން ނިންމަވާފައިވަނީ ބޭންކުން ޑޮލަރު ގަންނަން ލިބޭވަރަށްވުރެ ޑޮލަރު ވިއްކޭ އަދަދު އިތުރުވެފައިވާތީ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގައި ހުންނަ މީހެއްގެ ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ވިޔަފާރި ކުރުމާއި ފައިސާ ނެގުން ފަދަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން ހައްލުކުރުމަށް ރާއްޖޭގައި ހުންނަ މީހެއްގެ ކާޑު ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭގޮތް ހެދުމަށް ނިންމަވާފައިވާ ކަމަށެވެ.
ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގައި ތިބޭ ސްޓޫޑެންޓުންނަށް 1200 ޑޮލަރާ ހަމައަށް ޚާއްސަ ލިމިޓެއް ކަނޑައެޅިފައި އޮންނަ ކަމަށާއި ހަމައެ ލިމިޓާއެއްކޮށް ކާޑު ލިބޭނެގޮތް ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ހަމަޖައްސައި ދޭނެ ކަމަށެވެ. އަދި ކި ކާޑު ވަރަށް އަވަހަށް ހަމަގައްސައިދޭނެ ކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ. އަދި މިހާރު ދަތިކަމެއްނެތި އެ ގެންގުޅުއްވާ ކާޑެއް ގެންގުޅެވޭގޮތަށް ހަމަޖައްސައިދޭނެ ކަމަށް ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ދަރިވަރުންނަށް ޚާއްސަ ކާޑު ތަޢާރަފުކުރެވުމުން އެ ދަރިވަރުންނަށް އިތުރު ލުއިތަކާއި ފައިދާތައް ލިބޭނެ ކަމެއް ކަމަށް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.