ހުސްވި މާޗު މަހު އެންމެ ގިނައިން ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނިމުނު އޭޕްރިލް މަހު އެ އިދާރާއަށް 874 މައްސަލަ ރިޕޯޓުކޮށްފައިވާއިރު އެންމެ ގިނައީ އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 240 މައްސަލައެއް ވަނީ ފުލުހަށް ހުށަހަޅާފައެވެ. އެއީ މިދިޔަ އަހަރުގެ އޭޕްރިލް މަހު ހުށަހެށި 213 މައްސަލައާ އަޅައިބަލާއިރު 12.7 އިންސައްތަ އިތުރު އަދަދެކެވެ.
އެހެންނަމަވެސް އެއީ، މި އަހަރުގެ މާޗް މަހު ހުށަހަޅައިފައިވާ އެކްސިޑެންޓްގެ ރިޕޯޓާ އަޅައިބަލާއިރު، މަދު އަދަދެކެވެ. އެގޮތުން އެ މަހު 270 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން ނިމުނު އޭޕްރިލް މަހު އެ ހިދުމަތަށް ހުށަހަޅާފައިވާ ބައެއް މައްސަލަތަކުގެ ތެރޭގައި، ވައްކަމުގެ 240 މައްސަލައަކާއި މަސްތުވާތަކެތީގެ 169 މައްސަލައެއް ހިމެނެއެވެ. އަދި ގެއްލިފައިވާ ތަކެތީގެ 75 މައްސަލައެއްގެ އިތުރުން ހަމަލާދިނުމުގެ 37 މައްސަލައަކާއި ތަޅާފޮޅުމުގެ 37 މައްސަލައެއް ހުށަހަޅައިފައިވެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމަށާއި، ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. އެގޮތުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވައި، މަގުމަތީގެ އަދަބުތަކަށް އަހުލުވެރިކުރުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށްގެންދާ "ރައްކާ ރޯޑްޝޯ" ގެ ސިލްސިލާ ހަރަކާތްތައް ވެސް މާލެއާއި އަތޮޅުތެރޭގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ.
މިއީ އެކްސިޑެންޓްތައް މަދުކޮށް، ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގެ ގޮތުން ފުލުހުންގެ އިދާރާއިން ހިންގާ ކެމްޕޭނެކެވެ.
މި ޕްރޮގްރާމަކީ ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޑިޕާޓްމަންޓުން އިސްނަގައިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ކައުންސިލްތަކާއި އަދި އަމިއްލަ ކުންފުނިތަކާ ގުޅިގެން ހިންގާ ހަރަކާތެކެވެ.