ށ. މިލަންދޫގައި ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިންމައިފިއެވެ.

މި މަޝްރޫއާގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރުގެ ނައިބު މުހައްމަދު ނާޝިދު ވިދާޅުވީ ށ.މިލަންދޫ އެއާޕޯޓާއި ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލާފައިވާކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބޮސްކާލިސް ކުންފުނީގެ، 35,000 ކިއުބިކް މީޓަރުގެ ގާބިލުކަން ހުރި "ކުއިން އޮފް ދަ ނެދަލޭންޑްސް" ޑްރެޖަރު ބޭނުންކޮށްގެން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އާބާދީގައި 2700 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ށ.މިލަންދޫގައި އެއާޕޯޓެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވަނީ ވައުދުވެ ވަޑައިގެންފައެވެ. އަދި މިމަސައްކަތް މިދައުރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިމަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި، އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، އެމްއޭސީއެލްއާއެވެ.