ނޭޗަރ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް 10 ރަށެއްގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، ނޭޗަރ ޕާކު ތަރައްގީކުރުމަށް ޝައުގުވެރިކަން ހުރި ރަށްރަށަށް ހުޅުވާލުމުން ވަރަށް ގިނަ ރަށްތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާކަމަށެވެ. އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު އެންމެ މަތިން މާކުސް ލިބުނު 10 ރަށުގައި ނޭޗާރ ޕާކު ތަރައްގީކުރުމުގެ މަސައްކަތް ފެށިފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ.
ނޭޗަރ ޕާކު ތަރައްޤީކުރާ ރަށްތަކަކީ، ހއ. މޮޅަދޫ، ހދ. ކުމުންދޫ، ނ. ލަންދޫ، ކ. ހުރާ، އދ. އޮމަދޫ، މ. ކޮޅުފުށި، ތ. ކިނބިދޫ، ލ. ގަން، ގއ. ކޮނޑޭގެ އިތުރުން ގދ. ފިޔޮރީ އެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، ނޭޗަރ ޕާކު ތަރައްގީކުރާ ރަށްތަކުގެ ކައުންސިލްތަކާއި މަޝްވަރާކުރުމަށްފަހު އެތަންތަނުގެ ކޮންސެޕްޓާއި ސްކޯޕް ކަނޑައެޅިފައިވާކަމަށެވެ. އަދި ކައުންސިލްތަކާއެކު ގްރާންޓު އެގްރިމަންޓުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. އެގޮތުން އެކަމަށް ޝައުގުވެރިކަން ހުރި ރަށްރަށަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.