38 ވަނަ ގައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުންް ބުނީ، ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމަށް މަރުކަޒުގެ އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މާދަމާއިން ފެށިގެން އެޕްލައި ކުރެވޭނެކަމަށެވެ.

އޮޑިޝަން ބުުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 18 ވަނަ ދުވަހާ ހަމައަށެވެ.

އެ މަރުކަޒުން ބުނީ، މިފަހަރުގެ ގައުމީ މުބާރާތް ބާއްވަނީ މުބާރާތުގެ އުސޫލަށް ބައެއް ބަދަލުތަކެއް ގެނައުމަށްފަހުގައި ކަމަށެވެ.

އެ މަރުކަޒުން ބުނީ، ގައުމީ ޤުރްއާން މުބާރާތަށް ބަދަލު ގެނައީ ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމާއެކު މުބާރާތުގެ ވާދަވެރިން އިތުރުކުރެވޭނެ ގޮތްތައް ބަލައި، މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ މަގްސަދުގައި ކަމަށެވެ.

މި އަހަރު ގެނައި ބަދަލާއެކު ގައުމީ ޤުރްއާން މުބާރާތުގައި ބައިވެރިވެވޭނީ 26 އަހަރު ނުފުރޭ، މުބާރާތުގައި ބައިވެރިވުމުގެ ޝަރުތު ހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށެވެ. އަދި މުބާރާތުގައި ބައިވެރިވެވޭނީ ފަރުދީ ގޮތުންނެވެ.

މިއަހަރުން ފެށިގެން ގައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތް ދެން ކުރިއަށް ގެންދާނީ ތިން ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން އެހެން އަހަރުތަކާ ހިލާފަށް މުބާރާތުގެ އޮޑިޝަން ބުރަކާއި މުބާރާތުގެ ސެމީ ފައިނަލްގެ އިތުރުން މުބާރާތުގެ ފައިނަލް ބުރެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އޮޑިޝަން ބުރު ކުރިއަށް ގެންދަނީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާ މުއްދަތުގެ ތެރޭގައި ފޯމް ހުށައަޅާ ފަރާތްތަކުގެ މެދުގައި އޮޑިޝަން ބުރެއް ބާއްވާނެއެވެ. މި އޮޑިޝަން ބުރު ކުރިއަށް ގެންދާނީ އަތޮޅުތެރޭގައި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާ ރަށްތަކުގައާއި މާލޭގައެވެ. ފޯމު ހުށައަޅާ ފަރާތްތަކަށް ހާޒިރުވުމަށް އެންމެ ފަސޭހަ ރަށެއްގައި އޮންނަ އޮޑިޝަނެއްގައި ބައިވެރިވެވޭނެ ކަމަށް އެ މަރުކަޒުން ބުނެއެވެ.

ސެމީ ފައިނަލް ބުރު ކުރިއަށް ދާނީ، އޮޑިޝަނުގެ ކޮންމެ ކެޓަގަރީއަކުން 80 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 500 ބައިވެރިންނެވެ.

ފައިނަލް ބުރު ކުރިއަށް ދާނީ ސެމީ ފައިނަލުގެ ކޮންމެ ކެޓަގަރީއަކުން 85 އިންސައްތަ އިން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 150 ބައިވެރިންނެވެ.