އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސްކުރަން ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުށަހެޅުއްވުމުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ޗެއާޕާސަން ކެންޑިޑޭޓް މީކާއިލް ނަސީމް ވެސް އެކަމަށް ދެކޮޅުހައްދަވައިފި އެވެ.

ޗެއާޕާސަންކަމުގެ މަގާމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާއިރު، ނަޝީދަށް ތާއީދުކުރާ ޕާޓީގެ މެންބަރުން ވެސް ދަނީ އިންތިހާބު ފަސްކުރުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. މިއީ މީކާއިލް އަށް އިންތިހާބު ކާމިޔާބު ނުވާނެކަން އެނގުމުން ކުރަން އުޅޭ ކަމެއްގެ ގޮތުގައި ވެސް ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް މީކާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕާޓީގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން އުޅޭ އުޅުން އާންމު އެއްވެސް މެމްބަރެއް ބަލައި ނުގަންނާނެކަމަށެވެ.

މީކާއިލް މިގޮތަށް ކުރެއްވި ޕޯސްޓް ކޯޓްކުރައްވައި ނަޝީދާ އެކު ކެމްޕޭނަށް ނުކުންނަވާފައިވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ އިންތިހާބު ފަސްކުރާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އިންތިހާބު ބާއްވަން ބޭނުންވާ ފައިސާ ޕާޓީގައި ނެތް ކަމަށް ޣަފޫރު ވިދާޅުވެފައި ވާތީ ފައްޔާޒް ވަނީ ފައިސާ ވެސް ހޯދޭނެ ކަމަށް ވިދާޅުވެފަ އެވެ.

އިންތިހާބު ފަސްކުރުމުގެ މައްސަލަ އެމްޑީޕީ ތެރޭ ހޫނުވެފައި ވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕާޓީގެ ޗެއާޕާސަންކަމާ ވަގުތީ ގޮތުން ހަވާލުވެ ވަޑައިގަންނަވަން ތައްޔާރު ކަމަށް ވެސް ވިދާޅުވެފަ އެވެ.