މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިހްތިފާލްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިކަންހާމަކޮށްފައި ވަނީ ފިޝަރީޒް މިނިސްޓްރީންނެވެ. ްފިޝަރީޒް މިނިސްޓްރީން ވަނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދޭ ފޯމު 31 މެއި ވާ އާދިއްތަ ދުވަހުގެ 12:00 އެ މިނިސްޓްރީއަށް ހުށަހަޅަން އެދިފައެވެ.

އެގޮތުން މިނިސްޓްރީ އޮފް ފިޝަރީސް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަށް ގަވަރމަންޓް އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.

މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުމެވެ.

އަދި ގައުމުގެ އިގްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކޮށް މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

ކޮންމެ އަހަރެއްގެ ވެސް ޑިސެންބަރު މަހުގެ ދިހަ ވަނަ ދުވަސް ފާހަގަ ކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ.

މި ދުވަސް ފާހަގަ ކުރަނީ މަސްވެރިންކަން ކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް އެ މަސައްކަތް ދިރުވާ އާލާކުރުމާއި، މަސްވެރިކަމަށް ދިމާވެފައިވާ އެކި އެކި ގޮންޖެހުންތައް ދެނެގަނެ ސަރުކާރުން އެ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އެންގުމުގެ މަގުޞަދުގައެވެ.