އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ބާއްވާނެ ފައިސާ ނެތުމާއި ޕާޓީގެ އެތެރޭގެ ބައިބައިވުން ބޮޑުވެ މަސްލަހަތު ގެއްލިދާނެތީ، ޗެއާޕާސަން ހޮވުމުގެ އިންތިހާބު ރިޔާސީ ޕްރައިމަރީގެ ފަހަށް ފަސްކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުށަހަޅުއްވައިފިއެވެ.
އަފޫރު އެ ހުށަހެޅުން ހުށަހެޅުއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.
ޣަފޫރު ފޮނުއްވި މެސެޖުގައި ވިދާޅުވީ، މި ވަގުތު އެ ޕާޓީގެ އެތެރޭގެ އިންތިހާބުތައް ބާއްވައިފިނަމަ ޕާޓީގެ މަސްލަހަތު ގެއްލި، ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
އަދި އިންތިހާބު ބާއްވާނެ ފައިސާ ނެތްކަން ފާހަގަކުރައްވައި ޣަފޫރު ވިދާޅުވީ މި އަހަރު ސަރުކާރުން ލިބެންޖެހޭ ފައިސާ އަދިވެސް އެ ޕާޓީއަށް ލިބިފައިނުވާ ކަމަށެވެ.
މީގެ އިތުރުން ޣަފޫރު ވަނީ އެ ޕާޓީ ހިންގުމަށްޓަކައި އިސް ފަރާތްތަކުން މަޝްވަރާކޮށް، އޭނާ ނުހިމެނޭ ގޮތަށް "އިންޓަރީމް އެރޭންޖްމަންޓެއް" އެކުލަވާލުމަށް ހުށަހަޅުއްވާފައެވެ.
އަދި އެކަން ގައުމީ މަޖިލީހަށް ހުށަހަޅައި ފާސްކުރުމަށްވެސް ޣަފޫރު ވަނީ އެދިވަޑައިގެންފައެވެ.
އިންތިހާބު ފަސްކުރަން ހުށަހެޅުއްވި އިރު ޗެއާޕާސަން ކަމުގެ މަގާމަށް އެ ޕާޓީގެ ދެ ފެކްޝަނަށް ނިސްބަތްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ގެންދަވަނީ ވާދަވެރިކަމާ އެކު ކެމްޕެއިން ކުރައްވަމުންނެވެ. މިގޮތުން ދެ ފެކްޝަންގެ ދެ ކެންޑިޑޭޓުންގެ މެދުގައި ދަނީ ބަހުގެ އެކި ހަމަލާތައް ބަދަލުކުރަމުންނެވެ.